logo

އައްޑޫގެ ހަންކެޑެ ބްރިޖް އަންނަ މަހު ހުޅުވަނީ

profile

ޒިދާން މުޙައްމަދު - 04 އޯގަސްޓު 2024 - 18:45

ހަންކެޑެ ބްރިޖް މަސައްކަތް ކުރާ ސަރަހައްދު -- ފައިލް ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ހަންކެޑެ ބްރިޖް މަސައްކަތް ކުރާ ސަރަހައްދު -- ފައިލް ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް އައްޑޫ ސިޓީ ކައުންސިލުން އަމާޒުހިފައިފިއެވެ.

އައްޑޫ ސިޓީ ހަންކެޑެ ބްރިޖަކީ، އެ ސިޓީގެ "ހަންކެޑެ" ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީކުރާ ބްރިޖެކެވެ.

އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، ހަންކެޑެ ބްރިޖްގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ. އަދި އެ ބްރިޖްގައި ކުރަހަންޖެހޭ ކުރެހުންތައްވެސް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތްކަމަށް ނިޒާރު ވިދާޅުވިއެވެ.

މޭޔަރ ނިޒާރު ވިދާޅުވީ، އަންނަ މަހުގެ މެދެ ތެރޭގައި ބްރިޖް އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލު ހޯދާލުމަށް މޭޔަރަށް ގުޅާލުމުން، އަސްލު ޓީވީގެ ފޯނަށް ޖަވާބެއް ދެއްވާފައި ނުވެއެވެ.

މި ބްރިޖުގެ މަސައްކަތް މިއަހަރު ޖެނުއަރީއަށް ނިންމާލެވޭނެ ކަމަށް ނިމިދިޔަ ސަރުކާރުން އޯގަސްޓު މަހު އޭރު ވަނީ ބުނެފައެވެ. ނަމަވެސް އެ ތާރީޚަށް މަސައްކަތް ނިންމިފައި ނުވެއެވެ.

ހަންކެޑް ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިންނެވެ. އެ މަސައްކަތް އެ ކުންފުނިން ފެށީ 2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިއީ 1.4 ކިލޯމީޓަރުގެ 4 ލޭން އެކުލެވޭ ބްރިޖެކެވެ.

ހަންކެޑެ ވަށައިގެން ބްރިޖެއް ހެދުމުގެ ބޭނުމަކީ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ބޭނުންވާ ޕްރޮޖެކްޓަށް ހަންކެޑެ ވަކި ކުރުމެވެ. މިހާރު އައްޑޫސިޓީ ލިންކް ރޯޑު އޮންނަނީ ހަންކެޑެ ހިތަދޫއިން މަރަދޫއަށް ދާއިރު ވަކިން އޮންނަ ހަންކެޑެ އެތެރެއިންނެވެ.

tel:+9607331319