logo

އިދިކޮޅުގެ ހަރަކާތްތެރިކަން ކުޑަ ސަބަބެއް ނޭނގޭ: އަބްދުއްރަޙީމް

profile

ޒިދާން މުޙައްމަދު - 05 އޮކްޓޯބަރު 2024 - 15:27

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަސްލު ޓީވީއާ ވާހަކަދައްކަވަނީ ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަސްލު ޓީވީއާ ވާހަކަދައްކަވަނީ ---

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތެރިކަން ކުޑަ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެރިކަން ކުރާ ޕާޓީ - ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، އަސްލު ޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދާއިރާތަކުގައި، މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެން، އަސްލު ޓީވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީ ސިލްސިލާކޮށް ކުރިއަށްގެންދާ މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކަކީ އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ލަފާފުޅާއި އިރުޝާދާ އެކީގައި ކުރަމުން ގެންދާ މަސައްކަތެއް ކަމަށާއި މިމަސައްކަތުގައި މައިގަނޑު ގޮތެއްގައި އިސްސަފުގައި ހަރަކާތްތެރިވަމުންދަނީ ޕީއެންސީއަށް ނިސަބަތްވެވަޑައިގަންނަވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 75 މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން މިކަމުގައި ހާއްސަ ސަމާލުކަމެއް އަދި އިސްކަމެއް ދެއްވައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ އާންމު މެމްބަރުންވެސް ވަރަށް ފޯރީގައި މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ޕާޓީއަށް 75،000 މެމްބަރުން ހަމަކޮށް، ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ހެދުން ކަމަށާއި އެކަން އަންނަ ނޮވެމްބަރުގެ ނިޔަލަށް ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޕީއެންސީގެ ޗެއާޕާސަންގެ ވާހަކަފުޅުގައި، މިހާރުވެސް ޕީއެންސީގެ މެމްބަރުންގެ ގޮތުގައި، 60،000 އަށްވުރެ ގިނަ މެމްބަރުން ތިބިކަން ފާހަގަކުރައްވައި ވިދާޅުވީ، ރައީސް ބޭނުންފުޅުވެވަޑައިގަންނަވަނީ އަންނަ ނޮވެމްބަރުމަހުގެ 17 އާ ހަމައަށް ދާއިރު އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުމަށް ކަމަށެވެ. 17 ނޮވެމްބަރު 2024 ވާނީ މި ސަރުކާރަށް އަހަރެއް ފުރޭ ދުވަހަށެވެ.

"އެ އަމާޒަށް ދެވޭނެ ކަމާ ދޭތެރޭ އަޅުގަނޑުމެންނަށް އެއްވެސް ސުވާލެއް ނެތް. ޔަގީން ކަމާއެކީގައި ދަންނަވަން ކެރޭ އިރާދަކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރުމަހުގެ މެދަކާ ހަމައަށް ދާއިރު އަޅުގަނޑުމެންގެ ޕާޓީ ޕީއެންސީ ވެގެންދާނީ، ހަތްދިހަފަސްހާސް މެމްބަރުން ތިބި ރާއްްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް" އަބްދުއްރަޙީމް

އަބްދުއްރަހީމް ވަނީ މާލޭ ސަރަހައްދާ އެއް ވާނެއްގައި ރަށްރަށުގައިވެސް މި ހަރަކާތްތައް ކުރިއަށްދާކަން ފާހަގަ ކުރައްވާފައެވެ. އަދި ޕީއެންސީއަށް އޮތް ތާއީދުން އެނގިގެން ދަނީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާ މިންވަރު ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން މުޅި ޕީއެންސީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގެ ހަތަރު ދާއރާގައި މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ފަށާފައިވާއިރު 14 ސެޕްޓެމްބަރު 2024 ގައި މާލޭގެ ދާއިރާތަކުގައިވެސް ވަނީ މިހަރަކާތް ފަށާފައެވެ.

ހުޅުމާލޭ ޒުވާނުންގެ ޖަގަހަ ސަރަހައްދަށް ޕީއެންސީގެ ޗެއާޕާސަން ވަޑައިގެން އެތަނުގައި ތިއްބެވި ބޭފުޅުންނާ ސަލާމްކުރައްވަނީ -- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު ޓީވީ

މިކަމާ ގުޅޭ ގޮތުން "އަސްލު" ނޫހަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް، ކޮންމެ ހަފުތާއަކު ވެސް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި، މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. އަދި މަދުވެގެން ކޮންމެ ހަފުތާއަކު އެއް ދުވަހު ސިޓީތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މީގެކުރިން ވިލިމާލެއާއި މާފަންނުގައިވެސް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މަސައްކަތް އިތުރަށް ކުރިއަށްގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. މުޙައްމަދު އިސްމާއިލް ވިދާޅުވީ، މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ހިންގުނު ހަރަކާތުން އެކަނިވެސް ހާހަކަށްވުރެ ގިނަ ފޯމް ފުރިހަމަކުރެވިފައިވުމަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ކޮންމެ ދުވަހަކުވެސް މިހަރަކާތް ކުރިއަށްގެންދާ ކޮންމެ ސަރަހައްދަކުން 300 ފޯމް ފުރިހަމަކުރުމަކީ މި ހަރަކާތް ރާވާފައިވާ ގޮތުން ލަނޑުދަނޑިއެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ޕީއެންސީއަކީ ވެރިކަމަށް އައުމުގެ ކުރިން މެމްބަރުން މަދު ކުޑަ ޕާޓީއެއް ނަމަވެސް، މިވަގުތު އެ ޕާޓީއަކީ މެމްބަރުން ގިނަ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީއެވެ.

ވެރިިކަން ހިންގާ މައި ޕާޓީ - ޕީއެންސީގެ ސިޔާސަތުތަކަކީ:

  • ރާއްޖޭގެ ޤުދްރަތީ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށް ހޯދައިދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުން
  • ރައްޔިތުންނަށް ލިބިދެވޭ ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާއި، އިޖްތިމާޢީ ދުޅަހެޔޮކަން ހަމަހަމަގޮތެއްގައި ތަނަވަސްކޮށްދިނުން
  • ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމާއި ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހިންނަށް ޙައްޤު ޤަދަރާއި މަގާމު ހޯދައިދިނުން
  • ޕާޓީގެ މެންބަރުންގެ ވާޖިބުތައް:

  • ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ފިކުރަށް ތާއީދުކޮށް، ޕާޓީގެ މަޤްޞަދުތައް ފުރިހަމަ ކުރުމަށް އެހީތެރިވެ، ޕާޓީގެ އުޞޫލުތަކާއި، މިޤަވާޢިދަށް ޢަމަލު ކުރުމަށް އެއްބަސްވުން.
  • ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ޓިކެޓުގައި ޢާންމު އިންތިޚާބުތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދާދިނުމާއި، އެކެނޑިޑޭޓުންނަށް ވޯޓު ދިނުން.
  • https://wamco.com.mv/
    tel:+9607331319