logo

މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު: ވަޒީރު އާދަމް

profile

ޒިދާން މުޙައްމަދު - 24 އޯގަސްޓު 2024 - 12:33

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު

މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދަާޅުވީ ވިލާ ހައި ސުކޫލުގެ 2024 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވިވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ ސަބަވުން އައި ކުރިއެރުންތަކާއެކު ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އޭގެ ފަސޭހަކަން ކިޔެވުމުގައި ބޭނުންކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކިޔެވުގައި މަސައްކަތްތެރިކަމުގެ ކޮންމެވެސް ރޮނގަކުން ކޮންމެ ކުއްޖަކު ވެސް ދަސްވެނިވުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޙަޤީޤަތުގައި އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ހަމައެކަނި ޓެސްޓްތަކަކުން ފާސްވެގެން އަޅުގަނޑުމެންނަން ލިބޭ ނަތީޖާއަކުން އިންސާނަކު ދިރިއުޅުމަށް މިއަދު ބޭނުންވާ ހުރިހައި ހުނަރުތަކެއް މުޅިއަކުން އަދިނުލިބެ"

މަނިކުފާނު ވިދާޅުވީ އެ މާއްދާތައް ކިތަންމެ މުހިންމު ކަމަށް ވިޔަސް، އިންސާނަކު އުފެދިފަ ހުންނަ ގޮތުން ކޮންމެ އިންސާނަކަށް ވެސް އޭނާކުރަން އެންމެ ޝައުޤުވެރިކަން ހުންނަ ކަންތައްކުރުމުގެ ދާއިރާ އޮންނަނީ ވަރަށް ފުޅާވެފައި ކަމަށް ވިދާޅުވިއެވެ. އެހެންވީމާ ހަމަ އެކަނި ގަލަމު ތުނޑުން ނުވަތަ ހަމައެކަނި ލިޔެކިޔުމުން ކަމެއް ކުރުމުގެ ބަދަލުގައި މަސައްކަތްތެރިކަން، އިންޖިނޭރިންގ ނުވަތަ މިނޫން ވެސް ދާއިރަތަކުން ކިޔެވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މިއީ ކުރިޔަށް މި އޮތް ޖީލުތަކަށް ވިސްނާ އިރު، ތަޢުލީމީ ގޮތުން ކުރިޔަށް ދާން ބޭނުންވާ ކޮންމެ ކުއްޖަކު، ތަޢުލީމީ ގޮތުން އުނގެނެން ބޭނުންވާ ކޮންމެ ބެލެނިވެރިއަކު މިއަދު ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކިޔެވުމުގެ ރާސްތާ ފަށައިގަންނަންވީ ދިރިއުޅުން އާރާސްތު ކުރެވިދާނެ ކޮތަކަށްތޯ، ނުވަތަ އިހުގެ މީހުން ދަސްކުރި އެއްޗެހި ރިޕީޓުކުރާނީތޯ ސުވާލު އުފައްދަވައިފައިވެސް ވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގައި އަޅުގަނޑުމެންގެ ތަރައްޤީއަކީ ކޮބައިތޯވެސް އައްސަވައި ސުވާލުކުރެއްވިއެވެ.

ހުކުރު ދުވަހުގެރޭ ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ހޯލުގައި އޮތް މިޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކޮންމެ ދުވަހަކު ރާއްޖޭގައި ވެސް ބޭނުން ނުވާ އެތައް ސިފަތަކެއް ފެންނަ ކަން ޤަބޫލުކުރަން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

2024 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ވިލާ ހައި ސުކޫލުން ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ވަނީ " ޕެއަރސަން ޑިޕޮލޮމާ ލެވެލް 3" ވިލާ ކޮލެޖުން ދެމުން އަންނަ މަތީ ތަޢުލީމުގެ ތެރޭގައި ހިމެނުމުން އެ ކަމަށް ޓަކައި ވިލާ ކޮލެޖަށް މަރުޙަބާ ދަންނަވައިފައެވެ.

ކުލަ ގަދަ ރަސްމިއްޔާތެއްގެ ގޮތުގައި ރޭ ބޭއްވި "ވިލާ ހައި ސުކޫލުގެ ޕްރައިޒް ޑޭ 2024" ގެ ބެސްޓް އޯލް ރައުންޑަށް ހޮވުނު ގްރޭޑް 12 އޭގެ ދަރިވަރު އަޙްމަދު ޒާހް ވަދީފަށް ސެޓްފިކެޓާއި، ޓްރޮފީއާއި، ވިލާ ގްރޫޕުގެ ވެރިޔާ ޤާސިމް އިބްރަހީމާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒް ދެއްވާ އިނާމު ޙަވާލުކޮށް، ފަށްޓަރު އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.


tel:+9607331319