logo

ކަރަންޓުގައި ޖެހި ކުއްޖަކު ނިޔާވި ހާދިސާގެ ކަންބޮޑުވުން މިނިސްޓަރަށް

profile

ޒިދާން މުޙައްމަދު - 25 އޯގަސްޓު 2024 - 12:05

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މިދިޔަ ޖޫން މަހު ނިޔާވި ކުއްޖާގެ އާއިލާގެ ފަރާތުން ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.

އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ ފަރުވާ ދެނިކޮށް 8 ޖޫން 2024ގައި ނިޔާވީ އުމުރުން 18 އަހަރުގެ ހުސައިން އަތީކް ނަމަކަށް ކިޔާ ކުއްޖެކެވެ.

އެ ހާދިސާ ހިނގީ އެ ރަށުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނު އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށެވެ.

އުނގޫފާރު މަގެއްގައި އޮތް ފެންގަނޑަކަށް ކަަރަންޓު އައުމުން ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ހުސެން އަތީކަށް ފަރުވާ ދެމުން އަންނަނިކޮށް ނިޔާވީ 15 ދުވަސް ފަހުންނެވެ. އާއިލާއިން ބުނާގޮތުގައި އެދުވަހުގެ 10:30 އެހާކަންހާއިރު އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް، ހޭ ވެސް ނާރައެވެ.

ކަރަންޓުގައި ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑި އާއި ކިޑްނީއަށް ވެސް އޮތީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މެއި މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު އަތީކަށް އެންމެ ފުރަތަމަ ފަރުވާދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މެއި 24ގައެވެ.

އެ ހާދިސާގައި ފެންގަނޑުގައި ހުރި ކުއްޖަކަށް ވެސް އަނިޔާވި ނަމަވެސް ބޮޑުވަރުވީ ސަލާމަތް ކުރަން ނުކުތް އަތީކަށެވެ. އޭނާގެ ހާލު ސީރިއަސްވީ އެ ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކަރަންޓު ހޮޅިދަނޑީގައި އަތްލެވުމުންނެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހާދިސާގައި ނިޔާވި ކުއްޖާގެ ބައްޕަގެ އެދުމަކަށް އެމަނިކުފާނާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. ކުއްޖާ ނިޔާވި މައްސަލާގައި ހިއްސާ ކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލަ ބެލުމަށް ފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި އެކަން ހިނގީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރު ނުކޮށް ހުރުމުންނެވެ.

ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފައިވާތީ ޔުޓިލިޓީ އޮތޯރިޓީން ވަނީ އެ ކުންފުނި 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފައެވެ.


tel:+9607331319