logo

މަތީތައުލީމާއި ތަމްރީން ހޯދަން ދޭ ލޯނުގެ ފައިސާ ހުއްޓުމެއްނެތި ދަނީ ދޫކުރަމުން

profile

އާމިނަތު ޝަފާ - 24 އޯގަސްޓު 2024 - 13:29

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންތަކެއް

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންތަކެއް

މަތީތައުލީމާއި ތަމްރީން ހޯދަން ދޭ ލޯނުގެ ފައިސާ ހުއްޓުމެއްނެތި ދޫކުރަމުންދާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަތީތަޢުލީމާއި ތަމްރީން ހޯދަން ދޭ ލޯނު ދިނުމަށް ހުޅުވައިލި ފުރުޞަތުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ އިދާރީ މަސައްކަތްތައް މިނިސްޓްރީން ކުރަމުން އެބަ ގެންދެއެވެ. ކޮންމެ ދަރިވަރަކަށްވެސް ލޯނުގެ ގޮތުގައި ދޫކުރާނެ ފައިސާގެ އަދަދު ކަނޑައެޅެނީ، ގެޒެޓްކުރެވިފައިވާ އާންމު އުސޫލާއި އެއްގޮތަށް ދަރިވަރަށް ބޭނުންވާ ކަންކަމަށް ބަލައިގެންނެވެ. އެއީ، އެކި ދަރިވަރުންގެ ޙާލަތު ކިޔަވަން ދާ ޔުނިވަރސިޓީއާއި ކިޔަވާ ދާއިރާއާއި ފެންވަރު ފަދަ ކަންކަމާ ގުޅިގެން ބަދަލުވާނެތީއެވެ. އެހެންކަމުން، ދަރިވަރުންގެ ލޯނު އެގްރީމަންޓް ހެދުމަށްޓަކައި އެފަދަ މަޢުލޫމާތު ހިމެނޭގޮތަށް ފައިސާއަށް އެދޭފޯމު މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. އެކަން ކުރާނެގޮތުގެ އިރުޝާދުވަނީ ލޯނުގެ ފުރުސަތަށް ހޮވުނުކޮންމެ ދަރިވަރަކަށް އީމެއިލްގެ ޒަރީޢާއިން ފޮނުވާފައެވެ.

މިދިޔަ އަހަރު ލޯނަށް ހޮވުނު ބައެއް ދަރިވަރުންނާއި މިއަހަރު މިހާތަނަށް ލޯނަށް ހޮވިފައިވާ ކަން އެދަރިވަރިންނަށް އަންގާފައިވާ 1200 އަށްވުރެން ގިނަ ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުންގެ ލޯނުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު،ފައިސާއަށް އެދި ހުށަހަޅާ ފޯމާއިއެކު ހަށަހަޅަމުން ދާކަމަށް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ. އެފަދަ ހުށަހެޅުންތަކަށް މިނިސްޓްރީން ޖަވާބުދާރީ ވަމުން ދެއެވެ. މަޢުލޫމަތު ފުރިހަމަ ވާ ފަރާތްތަކަށް ލޯނުގެ އަދަދު ކަނޑައަޅައި އެ އަދަދާމެދު ދަރިވަރުންގެ އެއްބަސްވުން ހޯދުމަށްފަހު އެގްރީމަންޓްގައި ސޮއިކޮށް، ފައިސާ ދޫކުރެވެމުންއެބަދެއެވެ.

މިނިސްޓްރީން އަންނަނީ ކޮންމެ ޤައުމެއްގެ ކޮންމެ މަރުކަޒެއްގައި ކިޔެވުމަށްވެސް، އުސޫލުގައިވާ ގޮތުގެމަތިން ލޯނުގެ ފައިސާ ދޫކުރަމުންނެވެ.

ކޮންމެ ދަރިވަރަކަށްވެސް ފައިސާ ދޫކުރެވޭނެ ތާރީޚް ބިނާވަނީ ލިޔެކިޔުންތައް ފުރިހަމަވެ، އިދާރީ މަސައްކަތްނިންމައިލެވޭ އިރަކަށް ކަމަށް ވާތީ، މި މަސައްކަތްކުރުމަށް ހޭދަވާނެ ވަގުތު އޮއްވައި މި މަޢުލޫމާތުތައް ފުރިހަމައަށް ހުށަހެޅުމަށް ވަނީ ދަރިވަރުންނަށް އިރުޝާދު ދެވިފައިވާނަމަވެސް ބައެއް ދަރިވަރުން މަޢުލޫމާތު ފުރިހަމަ ކުރުމަކާ ނުލައި ފައިސާއަށް އެދޭ ފޯމު މިނިސްޓްރީއަށް އީމެއިލްކުރާ ކަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި އެގޮތަށް ފޯމުހުށަހެޅުމުން ދަރިވަރު ކިޔަވަން ފަށަންވާ އިރަށްވެސް ފައިސާ ދޫނުކުރެވި ލަސްވާގޮތް ދިމާވެއެވެ.

ފުރިހަމަ ނޫން ފޯމު ހުށަހެޅުމަށްފަހު އަޕްޑޭޓް ހޯދަން އެކިއެކި މީސްމީހުންލައްވައި ގިނަ ގިނައިން ގުޅުވުމުން އެ ކޯލްތަކަށް ޖަވާބުދާރީ ވުމަށާއި، ފުރިހަމަ ނޫން ފޯމުބަލައި ރަނގަޅުކުރުމަށް ތަކުރާރުކޮށް އިރުޝާދުދެމުން ގެންދަން ޖެހުމުން، ފުރިހަމަކޮށް ފޯމު ހުށަހަޅާ ދަރިވަރުންގެ ފޯމާއި ގުޅިގެން ކުރަން ޖެހޭކަންކަން ކުރުމަށް މުވައްޒަފުންނަށް ލިބޭވަގުތުކޮޅު މަދުވެ، ފައިސާ ދޫކުރެވޭ ދަރިވަރުންގެ އަދަދުވެސް މަދުވަމުންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އާންމު އުސޫލެއްގެ ގޮތުން، ފޯމުތަކަށް އެޓެންޑްކުރަން ބޭނުން ވަނީ ހުށަހަޅާފައި ހުންނަ ތަރުތީބުންކަމަށާއި ނަމަވެސް، މި ދުވަސްކޮޅު ވަރަށް ގިނަދަރިވަރުން ވަރަށް އަވަހަށް ކިޔަވަން ފަށަށް ހަމަޖެހިފައިވާތީ، އިރުޝާދު ދެވިފައިވާގޮތަށް ފުރިހަމަކޮށް ހުށަޅާފައިވާނަމަ ކިޔަވަން ފަށަން ހަމަޖެހިފައިވާ ތާރީޚަށް ބިނާކޮށް ފޯމަށް އެޓެންޑްކުރުން އަވަސްކުރެވޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން، އޮގަސްޓް މަހާއި ސެޕްޓެންބަރު މަހު ކިޔަވަން ފަށަން ހަމަޖެހިފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ދަރިވަރުންގެ ފޯމުތަކަށް މި ދުވަސްކޮޅު އިސްކަންދީގެން މިނިސްޓްރީން ކުރިއަށް އެބަ ގެންދެއެވެ.

އަދި މީގެ އިތުރަށް، ލޯނުގެ ފައިސާ ދޭންފެށި، ކިޔެވުން ފަށާފައިވާ ދަރިވަރުންނަށް ކޮންމެ 6 މަހަކުން 6 މަހަކުން ދޭން ތާވަލްކުރެވިފައިވާ ފައިސާ އެއްވެސް ހުއްޓުމެއްނެތި ދޫކުރަމުން ގެންދެވޭކަމަށާއި މި ފައިސާ ދޫކުރުމުގެ ކުރިން، ދަރިވަރު ކިޔަވަމުން އެބަ ގެންދޭތޯ ބަލުމަކީ އޮޑިޓަރުން ލާޒިމުކުރާކަމެއްކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެހެންކަމުން، ފައިސާ ދޫކުރަނީ، ދަރިވަރު ކިޔަވާ މަރުކަޒުން، އެ ދަރިވަރު އެބަ ކިޔަވަމުން ގެންދާކަން އެނގުމުންކަަމަށާއި ކިޔަވާ މަރުކަޒުން އެކަން ސާފުކޮށް ނުދޭނަމަ، ފައިސާ ދޭން ތާވަލްކުރެވިފައިވާ ތާރީޚް ފާއިތުވިޔަސް ފައިސާ ދޫކުރުން ހުއްދަ ނުވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެއީ ކިޔަވަމުން ނުދާ ދަރިވަރުންނަށް ފައިސާ ދެމުން، ދެމުން ގެންދިއުން ހުއްޓުވުމަށްޓަކައިކުރާކަމެކެވެ. އެހެންކަމުން، ދަރިވަރުންނަށްވެސް ނަސޭހަތްތެރި ވެވިފައިވަނީ، ފައިސާ ދޭން ތާވަލްކުރެވި، ދަރިވަރާއެކު ވެވިފައިވާ އެގްރީމަންޓްގައި ހިމެނިފައިވާ ތާރީޚް 2 މަސްދުވަހަށް ކައިރިވުމުން، ދަރިވަރު ކިޔަވަމުން އެބަ ގެންދާކަން މިނިސްޓްރީއަށް އަންގައިދިނުމަށް ބާރުއަޅައި ދިނުމަށްކަަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެެއެވެ.

tel:+9607331319