logo

ބޭރުގައި ކިޔަވާ ކުދިންގެ ދަފްތަރުގައި 1,800 ދަރިވަރުން

profile

އާމިނަތު ޝަފާ - 08 އޯގަސްޓު 2024 - 11:55

ދަރިވަރުންތަކެއް

ދަރިވަރުންތަކެއް

ރާއްޖެއިން ބޭރުގައި ތައުލީމު އުގެނެމުން އަންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއިބެހޭ ވުޒާރާގެ ދަފްތަރުން ދައްކައިފިއެވެ.

ސަރުކާރުން ދެއްވާ ސްކޮލޮޝިޕް އާއި ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުންއަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި ދަފްތަރު ހުޅުވާލިފަހުން މިހާތަނަށް 1،878 ދަރިވަރަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ބައިލެޓަރަލް ސްކޮލަރޝިޕްގައި ހިމެނޭ 114 ދަރިވަރުން، ސަރުކާރު ސްކޮލޮޝިޕުން 293 ދަރިވަރުންގެ އިތުރުން ސަރުކާރު ލޯނުގެ ދަށުން 1،402 ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކިޔަވަމުން އަންނަ 69 ދަރިވަރުންނެވެ.

މިގޮތަށް ދަފްތަރެއް އެކުލަވާލެވުމުގެ ބެނުމަކީ ރާއްޖެއެއިން ބޭރުގައި ތައުލީމް އުގެނަމުން އަންނަ ދަރިވަރުންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކުރުމެވެ.

ބޭރުގައި ކިޔަވާ ކުދިންނަށް ބައެއްފަހަރު ބައެއް ޕޭމަންޓްތައް ޖަމާވުމުގައި ލަސްތަކެއްވާކަމަށް ބުނެ މިފަހުން މައްސަލަތަކެއް ފެންމަތިވެފައިވާއިރު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ އެއްވެސް ކުއްޖަކު ހާލުގައި ނުޖައްސާނެކަމުގެ ޔަގީންކަން ސަރުކާރުންވަނީ ދީފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖެއިން ބޭރުން އިތުރު ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

tel:+9607331319