logo

ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ރައީސްއަށް ޕެޓިޝަނެއް

profile

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 19:35

ރަތްމަންދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވަނީ

ރަތްމަންދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވަނީ

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވީ މި ޕެޓިޝަން ހުށަހެޅީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެ ކަމުގައި ކައުންސިލުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ގާތްގަޑަކަށް 200 އެއްހާ މީހުން ދިރިއުޅޭ ރަތްމަންދޫގައި އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށާއި އެހެންކަމުން ރައްޔިތުން އެދިފައިވަނީ އަލަށް ތަރައްގީކުރާ ރަސްމާލެއަށް ބަދަލުކޮށްދިނުމަށް ކަމަށް ނާހިދު ވިދާޅުވިއެވެ.

މީގެކުރިން އާބާދީގައި 600 މީހުން ހަމަނުވާ ހދ. ހިރިމަރަދޫ ރައްޔިތުން މާލެ އަތޮޅުގެ ވެރިރަށް، ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން އިހަށްދުވަހު ހާމަކޮށްފައިވެއެވެ. މި ކަން ހާމަކުރެއްވީ ހިރިމަރަދޫ ކައުންސިލާއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބޭއްވެވި ބައްދަލުވުމުގައި، ހިރިމަރަދޫ ކައުންސިލުގެ މެންބަރުންނެވެ.

މި އަހަރުގެ ފެބުރުވަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ޓަކައި ކުރަން ބޭނުންވާ ކަންކަން އެ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ވަރަށް ކުޑަ އާބާދީއެެއް ދިރިއުޅޭ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަށުން ނުލިބޭތީ، އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ މާލެއަށާއި، ކުޅުދުއްފުށީ ސިޓީއަށް ހިޖުރަކުރަމުންނެވެ.

ހިރިމަރަދޫ ކައުންސިލާއެކު ވަޒީރު ބޭއްވެވި މި ބައްދަލުވުމުގައި، ހިރިމަރަދޫ ރައްޔިތުން އެދުނު ފަދައިން އެ ރަށު މީހުން ތުލުސްދޫއަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި ވަޒީރަށް ކޮށްދެވެން އޮތް ހުރިހައި މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވައިފައެވެ.

https://int.etukuri.mv/
tel:+9607331319