logo

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވަންޖެހޭ: މިނިސްޓަރ އާދަމް ޝަރީފް

profile

އާމިނަތު ޝަފާ - 06 އޯގަސްޓު 2024 - 21:25

މިނިސްޓަރ އާދަމް ޝަރީފް ތަމްރީނު ޕްރޮގްރާމްގައި

މިނިސްޓަރ އާދަމް ޝަރީފް ތަމްރީނު ޕްރޮގްރާމްގައި

ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރި ކުރުވޭނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައިގެން ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ޕްރޮޕޯސަލް ހުށައަޅާނެ ގޮތްތައް ކައުންސިލްތަކަށް ހާމަ ކޮށްދެއްވުމަށް ބޭއްވި ތަމްރީން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ލާމަރުކަޒީ ނިޒާމު ޙަޤީޤީ މާނައިގައި ބާރުވެރިކުރުވުން ކަމުގައި ބެލެވޭނީ މާލީ ތަނަވަސްކަން އިތުރުކޮށް މާލީ ގޮތުން ބާރުވެރި ކުރުވިގެން އަދި ރައްޔިތުންނަށް ފުރުސަތުތަކެއް ފަހިކޮށްދެވިގެން"

އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ އިސްވެރިން ބައިވެރިވެލެއްވި ތަމްރީން ޕްރޮގްރާމުގައި ވަޒީރު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ކައުންސިލްތަކަށް ލިބޭނެ އުޞޫލެއް ޤާއިމްކުރައްވާ އެ އުޞޫލުގެ ތެރެއިން ފަޅުރަށްރަށް ކައުންސިލްތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމާ ގުޅިގެން މިހާތަނަށް 3 ރަށަކުން ރަށް ބޭނުންވާކަމަށް ޕްރޮޕޯސަލް ހުށައަޅުއްވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ކައުންސިލްތަކަށް ރަށްރަށް ދޫކުރެއްވުމަށް ހަމަޖެހިފަ ވަނީ އެ ކަމަށް ޕްރޮޕޯސަލް ހުށައަޅައިގެންނެވެ. އަދި އެ ރަށްތައް 25 އަހަރަށް ދަނޑުވެރިކަމާއި މަސްވެރިކަން ނޫން އެހެނިހެން އިޤްތިޞާދީ މަސައްކަތްކުރުމަށް ދޫކުރައްވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި މި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ރަޝީދަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ޝުކުރު ދަންނަވާފައެވެ.

https://int.etukuri.mv/
tel:+9607331319