logo

ތިލަފުށީ ޕޯޓް މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލް އިން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި

profile

އާމިނަތު ޝަޒްލާ - 03 އޯގަސްޓު 2026 - 18:03

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ރާއްޖޭގެ ވިޔަފާރިވެރިންނާ މިއަދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

https://wamco.com.mv/

މީރުމާ ހޯލުގައި ބޭއްވުނު މި ބައްދަލުވުމުގައި އެމް.ޕީ.އެލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް އަދި މެނޭޖްމަންޓުގެ އިސް ބޭފުޅުންނެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ފަރާތުން ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވެ، މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމަށްވާ ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ. ބައްދަލުވުމުގެ ތެރެއިން ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި ހަލުވި ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން އަގުހުރި މަޝްވަރާތަކެއް ކޮށްފައެވެ.

undefined

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ވަޢުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަޝްރޫޢުގެ ސަބަބުން މިހާރު މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ތިލަފުށީގައި ބިނާކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު، ޒަމާނީ ވަސީލަތްތަކުން މުއްސަނދިވެފައިވާ "ސްޓޭޓް-އޮފް-ދި-އާޓް" މަލްޓި-ޕާޕަސް ބަނދަރެކެވެ.

ސަރުކާރުގެ އަމާޒަކީ މި ބަނދަރު މެދުވެރިކޮށް ވިޔަފާރިވެރިންނަށް 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމެވެ. މިކަމާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ދަނީ ސިލްސިލާކޮށް ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ އިތުރުން މީޑިއާ އަދި މަޖޫރީންނާ ވެސް މަޝްވަރާ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ޚިދުމަތަށް ހުޅުވާލާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319