
އައްޑޫ ލިންކް ރޯޑު ހާލަތު ގޯސް: ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަޒްލާ - 13 ސެޕްޓެމްބަރު 2026 - 08:43
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވެ، ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް އެ މަގު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އައްޑޫ ސިޓީއަށެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ދަތުރުފަތުރު ކުރުމަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު ޒަރޫރީ ބޭނުމެއްގައި މެނުވީ އެ މަގު ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން އަޑިގުޑަން ހެދިފައިވާ ލިންކް ރޯޑުގެ އިތުރުން، އައްޑޫގެ އެހެން އަވަށްތަކުގެ މަގުތައް ބޭނުންކުރުމުގައި ވެސް އާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އުޅަނދުފަހަރު ދުއްވާއިރު ސްޕީޑު މަޑުކުރުމަށާއި، މަގުތަކުން ފެން ހިންދުމަށްޓަކައި އެކި ސަރަހައްދުތަކުގައި އަޅާފައިވާ ހޮޅިތަކަށް ގެއްލުން ނުވާނޭހެން ބަލައިގެން ދަތުރުފަތުރު ކުރުމަށް ވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގެ ގޭގެއަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ހަމައެކަނި ފޭދޫގެ ވެސް 70 އަށް ވުރެ ގިނަ ގެއަކަށް ވަނީ ފެންވަދެ ގެއްލުންވެފައެވެ. އަދި އޭގެ ތެރެއިން އެއް ގެއެއްގައި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ނުފުއްދޭ ވަރަށް ހާލަތު ގޯސްވުމާ ގުޅިގެން، އެ ގޭގައި ދިރިއުޅެމުންދިޔަ އަށް މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ
13 މިނިޓު ކުރިން

ވައި ބާރުވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު!
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ދިވެހީންގެ ކާމިޔާބީގެ އަސްލަކީ އިސްލާމްދީން: ރައީސް
19 ގަޑިއިރު ކުރިން

"ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
19 ގަޑިއިރު ކުރިން


