logo
ޖަމާއަތުގައި ބަޔަކު ނަމާދުކުރަނީ---

ޖަމާއަތުގައި ބަޔަކު ނަމާދުކުރަނީ---

އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީން: ހުކުރު ޚުޠުބާ

profile

ޖިނާން ޙުސައިން ޖަބީން - 23 އޮކްޓޯބަރު 2026 - 08:50

ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ ކަމަށާއި، މުސްލިމުންނަށް މަތިވެރިކަމާއި ޝަރަފު އަދި ނަސްރު ލިބެން އޮތީ އިސްލާމްދީނުގައި ސާބިތުވެ ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

https://wamco.com.mv/

"އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މި މައުޟޫޢަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނަކީ މާތްﷲ އިންސާނުންނަށްޓަކައި އިޚްތިޔާރުކުރައްވައި ފުރިހަމަކުރެއްވި އެންމެ މަތިވެރި ދީން ކަމަށެވެ. އަދި އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ މި ދީނުގައި، މަތިވެރި އަޚްލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނެ އެއްވެސް ކަމެއް ނުވާ ކަމަށާއި، ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަން އޮތް ހަމައެކަނި މަގަކީ ވެސް އިސްލާމްދީން ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނަކީ ހުރިހާ ހެޔޮ ކަމަކަށް ގޮވައިލާ އަދި އެންމެހައި މުންކަރާތްތަކެއް ނަހީކުރާ ދީންކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ، މިއަދު ފެންނަ އެންމެ ހިތާމަވެރި އެއް މަންޒަރަކީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް މާތްﷲ ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކުން ބޭރުވަމުންދާ ކަމެވެ. އަދި ދީނީ ވާޖިބުތަކަށް އިހުމާލުވެ، ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރަށްޓެހި ޘަޤާފަތްތަކާއި ނުބައި އަޚްލާޤީ މިންގަނޑުތަކަށް ތަބާވަމުންދާ ކަމެވެ.

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނެ މީހެއް ނޫން ކަމަށާއި އަދި ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވާ ހިނދުގައިވެސް ޙަޤީޤީ މުއުމިނަކު ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ފުރިހަމަ ގޮތުގައި ސާބިތުވެގެން ކަމަށެވެ.

މީގެއިތުރުން، އެންމެހައި އުންމަތްތަކުގެ މައްޗަށް މުސްލިމުންނަށް ލިބިފައިވާ މަތިވެރިކަމާއި، ޝަރަފާއި، ޢިއްޒަތުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި އިސްލާމީ ތާރީޚަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

މުސްލިމުން އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި މާތްﷲ އެބައިމީހުންގެ ދަރަޖަ މަތިވެރިކުރެއްވި ކަމަށާއި، ނަމަވެސް ދީނުގެ ކަންކަމުގައި އިޙުމާލުވެ ދީނާ ދުރުވި ކޮންމެ ހިނދެއްގައި ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ ބާރު ފޯރުވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެހެންކަމުން، މުސްލިމުންނަށް އަލުން އާރާއި ބާރު ލިބި، ދުޝްމަނުންގެ މައްޗަށް ގަދަވެގަނެވޭނީ ވެސް މާތްﷲ ބާވައިލެއްވި ފޮތަށާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވެގެން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319