logo
ހުކުރު ނަމާދުގެ ކުރިން ހުކުރު ޚުޠުބާ ކިޔަނީ---

ހުކުރު ނަމާދުގެ ކުރިން ހުކުރު ޚުޠުބާ ކިޔަނީ---

ދީނުގައި އަބުރު ހިމާޔަތްކުރަން ބާރުއަޅަނީ، އަބުރު ކަތިލުމުން ލިބޭ ގެއްލުމުގެ ބޮޑުކަމުން: ހުކުރު ޚުޠުބާ

profile

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 09:27

އިސްލާމްދީނުގައި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ހިތާމައާއި ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެވެސް ބޮޑުވުމުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

https://wamco.com.mv/

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތްﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރައްވާފައި ވާއިރު، އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ އެންމެހައި ކަންކަމެއް އެކަލާނގެ ވަނީ ޙަރާމްކުރައްވާފައެވެ. އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ ވެސް އަބުރު ރައްކާތެރިކުރުން ކަމަށާއި، އެކަމަށް ދީނުގައި ބާރުއަޅުއްވާފައިވަނީ އަބުރު ގެއްލުވާލުމުގެ ސަބަބުން މުޖުތަމަޢުގައި ބޮޑެތި ފަސާދަތަކެއް އުފެދިގެންދާތީ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މީހެއްގެ އަބުރަށް އަރައިގަތުމަކީ ޖިސްމާނީ ބޮޑު އަނިޔާއަކަށް ވުރެވެސް ނުރައްކާތެރި ކަމެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ، އެފަދަ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބޭ މީހާ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަން ތަޙައްމަލުކުރަން ޖެހޭ ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމުގައި ވިޔަސް، އޭނާގެ ހިތާއި ނަފްސުގައި އަޅާ ވޭނަކީ ބަޔާންކުރަން ދަތި ފުން އަނިޔާއެއް ކަމަށާއި، އޭގެ ސަބަބުން މުޖުތަމަޢު އޭނާއާ މެދު ދެކޭގޮތް ބަދަލުވެ، އެކަހެރިވެގެންދާ ކަމަށްވެސް ޚުޠުބާގައި ފާހަގަކުރިއެވެ. ކުއްތާއާއި އޫރު ފަދަ ޖަނަވާރުތަކަކީ ނަޖިސް ތަކެތި ކަމުގައި ވިޔަސް، އެ ތަކެއްޗަށް ހެޔޮކޮށް ހިތުމަކީ ފާފަފުއްސެވުމަށް މަގުފަހިވާ ސަބަބެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، މާތްﷲ މަތިވެރިކުރެއްވި އާދަމުގެ ދަރިއަކަށް ހެޔޮކޮށް ހިތައިފިނަމަ ލިބޭނެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ. ކަންމިހެން އޮތްއިރު، އިންސާނެއްގެ އަބުރު ކަތިލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޒަމާނީ ވަސީލަތްތަކާއެކު ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީސްމީޑިއާގެ ޒަރީޢާއިން މީހުން ފަޟީޙަތްކޮށް، އަބުރު ކަތިލަމުންދަނީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތިކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ ޒާތީ ހަސަދަވެރިކަމުގެ ސަބަބުން ތެދުދޮގު ބެލުމެއްނެތި ހިންގާ މިފަދަ ނުރައްކާތެރި ޢަމަލުތައް، އަމިއްލަ ޅަދަރިންގެ ކުރިމަތީގައި ކުރުމަކީ މާދަމާގެ ޖީލަށް ދެއްކޭ ވަރަށް ނުރައްކާތެރި ނަމޫނާއެއް ކަމަށެވެ. އެހެންކަމުން އެކަމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ތިމާގެ ދޫ ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ﷺ ދެއްވާފައިވާކަން ހަނދާންކޮށްދެއްވައި، ދުލުގެ ނުބައިކަމުން ރައްކާތެރިވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވެފައެވެ.

https://wamco.com.mv/
tel:+9607331319