
ޒަކާތަކީ މާތް ﷲ ފަރުޟުކުރައްވާފައިވާ އިސްލާމް ދީނުގެ ރުކުނެއް: ހުކުރު ހުތުބާ

މުޙައްމަދު ފަޟްލޫން - 17 އޭޕްރީލު 2026 - 10:10
ޒަކާތަކީ މާތް ﷲ ފަރުޟުކުރައްވާފައިވާ އިސްލާމް ދީނުގެ ރުކުނެއް ކަމަށް މިއަދުގެ ހުކުރު ހުތުބާ ގައި ވިދާޅުވެއްޖެއެވެ.
މިއަދު ހުކުރު ޚުޠުބާގައި އިޖުތިމާޢީ ޢަދާލަތު ގާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ބެހޭ ގޮތުން މުސްލިމުންނަށް ނަސޭހަތްތެރިވެ ޒަކާތުގެ މުހިއްމުކަން ވަނީ ހަނދާންކޮށްދީފައެވެ.
ނަމާދާ ގުޅިގެން މުދަލު ޒަކާތުގެ މައުޟޫޢު އައިސްފައިވަނީ، ނަމާދަކީ މާތް الله އާއި އަޅާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ الله ގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތަކަށް ވާތީއެވެ.
ޒަކާތް މި ލަފުޒުގެ މާނައަށް ފުންކޮށް ބަލާލުމުން އޭގެ މުހިންމުކަން ހާމަވެއެވެ.
ޒަކާތުގެ މާނައަކީ ތާހިރުވުމާއި އިތުރުވުމެވެ.
ޒަކާތް ދިނުމަކީ އިންސާނާގެ ނަފުސު ދަހިވެތިކަމާއި، މުށްބާރުކަމާއި، ދުނިޔަވީ މުދަލަށް އޮންނަ މާބޮޑު ލޯބިން ތާހިރުކޮށްދޭ ކަމެކެވެ.
ހަމައެއާއެކު، މިއީ ހިސާބުތަކުން އަންދާޒާ ނުކުރެވޭ ފަދަ ބަރަކާތެއް މުދަލުގައި ލައްވާ ކަމެކެވެ.
މިއަދުގެ ސަރުކާރުތަކުން އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރާއިރު، ފަގީރުކަން ނައްތާލުމާ ގުޅޭގޮތުން ދިރާސާކުރާ އިދާރާތަކުން ގިނަގުނަ ރިޕޯޓުތައް ޝާއިޢުކުރެއެވެ. ނަމަވެސް، މީގެ ސާދަ ސަތޭކަ އަހަރު ކުރިން މާތް الله ވަނީ ނުހަނު ފުރިހަމަ އަދި އިންޞާފުވެރި ނިޒާމެއް ތަޢާރަފުކުރައްވާފައެވެ.
ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ މުދަލުން ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. އެއީ ތިރީސް ނުވަތަ ފަންސާސް އިންސައްތައެއް ނޫނެވެ. މުދަލުގެ ނިޞާބު ހަމަވެ، ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން ނެރެންޖެހެނީ މުދަލުގެ އެންމެ 2.5 އިންސައްތައެވެ.
މި ކުޑަ މިންވަރަކީވެސް އެތައް މިލިއަން އިންސާނުންނެއް ފަޤީރުކަމުގެ ވަޅުގަނޑުން ސަލާމަތްކުރުމަށް ފުދޭނެ މިންވަރެކެވެ.
އިސްލާމީ ތާރީހުގެ ރަންޒަމާންތަކުގައި، ހާއްސަކޮށް ޚަލީފާ ޢުމަރު ބިން އަބްދުލްޢަޒީޒުގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރުމުން މުޖުތަމަޢަށް އައި ބަދަލުތައް ފެންނަން އެބައޮތެވެ. އެދުވަސްވަރު ޢަދުލުވެރިކަމާއެކު ޒަކާތް ބެހުމުގެ ނަތީޖާއަކީ، މީސްތަކުންގެ ފުދުންތެރިކަން އިތުރުވެ، ޒަކާތް ބަލައިގަންނާނެ ފަޤީރަކު ނެތް މިންވަރަށް މުޖުތަމަޢު ބަދަލުވެގެން ދިއުމެވެ.
މުދަލު ޒަކާތަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ތަރައްގީގެ އެންމެ މުހިއްމު އަސާސީ ބިންގާ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.
ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫނެވެ. އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
މުދަލު ޒަކާތް ނެރުނު މީހާއަށް މާތް ﷲ ރަހްމަތް ލައްވައި ފާފަ ފުއްސަވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މަރުހޫމް ހަލީމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި
2 ގަޑިއިރު ކުރިން

ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދެއް ނުކުރޭ، ފަތުރަނީ ދޮގު ޚަބަރު: އިޤްބާލް
3 ގަޑިއިރު ކުރިން

ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި
5 ގަޑިއިރު ކުރިން

މިފްކޯ އިން މަސްވެރިންނަށް ހުސްވި މެއި މަހު 31 މިލިއަން ރުފިޔާ ދޫކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)