logo

އަތުކުރި އޮޅާލަމާ: ދަރިވަރުންތަކެއްގެ އެސައިންމަންޓެއް ގައުމީ ކެމްޕޭނަކަށް

profile

ޝަހްޒާ މުޙައްމަދު - 20 ނޮވެމްބަރު 2025 - 13:35

އެކި ދާއިރަތުގެ އެކި މީހުން ހިމެނޭހެން އަތުކުރި އޮޅާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް، މިދިޔަ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބަޔެއްގެ ސަމާލުކަން ހޯދިއެވެ. އެއީ "އަތުކުރި އޮޅާލަމާ" ކެމްޕޭނެވެ.މިއީ ކޮން ބަޔަކު ކީއްކުރަން ކުރާ ކަމެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. މި ކެމްޕޭނަކީ މުހިއްމު މަޤްސަދެއް ހާސިލުކުރުމަށް ފެށިފައިވާ ގައުމީ މަސައްކަތެކެވެ. "އަތުކުރި އޮޅާލަމާ" ކެމްޕެއިން ޓީމްގެ ފަރާތުން މިހާރު ވަނީ މިއީ ކޮން ކެމްޕެއިނެއްކަން ލޯންޗްކޮށްފައެވެ. މިއީ ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ވަކިން ޚާއްސަކޮށް އަމިއްލައަށް ބޭނުންވެގެން ލޭ ދޭ މީހުންގެ އަދަދު އިތުރުކުރުމަށް ފެށި ކެމްޕެއިނެކެވެ.

https://wamco.com.mv/

ޚާއްސަކޮށް، މިއީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންތަކެއްގެ އެސައިންމަންޓަކުން ފެށި، މުޅި ގައުމަށް ފެތުރިގެން ދިޔަ ހޭލުންތެރިކުރުމުގެ ބޮޑު މަސައްކަތެކެވެ.

ދަރިވަރުންތަކެއް ފެށި ގައުމީ މަސައްކަތް

"އަތުކުރި އޮޅާލަމާ" ކެމްޕޭނަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކިޔަވާ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ ދަރިވަރުންގެ ލެކްޗަރަރއެއްކަމަށްވާ ޝަމްއާން ޝާކިރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުންނަށް ދެވުނީ އެސައިންމަންޓެއް ނަމަވެސް، އެމީހުން އެކަން ގައުމީ ފެންވަރަކަށް ބަދަލުކޮށްލައިފިއެވެ. މިއީ ދިވެހި ޒުވާނުންގެ ހުނަރާއި، އިސްނެގުމުގެ ރޫޙު ދައްކުވައިދޭ ވަރަށް ރަނގަޅު މިސާލެކެވެ.

ކެމްޕޭނުގެ މަގްސަދު: ލޭ ހަދިޔާކުރުން

ކެމްޕޭން ޓީމުން ވަނީ މިއީ ލޭ ހަދިޔާކުރުމަށް ހިތްވަރުދީ، ޚާއްސަކޮށް އަމިއްލައަށް ބޭނުންވެގެން ލޭ ދޭ މީހުންގެ އަދަދު އިތުރުކުރުމަށް ފެށި ކެމްޕޭނެއްކަން ހާމަކޮށްފައެވެ. ކެމްޕޭނަށް "އަތުކުރި އޮޅާލަމާ" މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މާނައެއްގައި ކަމަށާއި، މީގެ މާނައަކީ ލޭ ހަދިޔާކުރުމަށް އެންމެން ވެސް ތައްޔާރުވެ، އަތުކުރި އޮޅާލާށޭ ކަމަށް ޓީމުން ބުނެއެވެ. ލޭ ހަދިޔާކުރުމަކީ އެއްވެސް އަގެއް ނުލިބޭ، ނަމަވެސް އެހެން މީހެއްގެ ފުރާނަ ސަލާމަތްކޮށްދެވޭ އަގުހުރި ހެޔޮކަމެކެވެ.

ރާއްޖެއަކީ ކޮންމެ ދުވަހަކު ވެސް އެކިއެކި ސަބަބުތަކާއި ހުރެ ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ. ޚާއްސަކޮށް ތެލެސީމިއާ ބަލި ހުންނަ ކުދިންނާއި، ވިހެއުމުގެ ތެރޭގައި ދިމާވާއެކި ކަންކަމަށް ލޭބޭނުންވާ މައިންނާއި ބޮޑެތި އޮޕަރޭޝަންތައް ކުރާ މީހުންނަށް ލޭގެ ބޭނުން ވަރަށް ބޮޑެވެ. މި ކެމްޕޭނުގެ ސަބަބުން ލޭ ހަދިޔާކުރުމަށް މީހުން އިތުރުކޮށް، މިކަމަށް ހޭލުންތެރިކޮށް، އަމިއްލައަށް އެދިގެން ލޭ ދޭ މީހުންގެ އަދަދު އިތުރުކޮށްދިނުމަށް މަސައްކަތްކުރެއެވެ. މި މަސައްކަތުގައި ޕެމްޕޭން ހިންގާ ދަރިވަރުންނާއި ގުޅިގެން ތަފާތު އެކި ގޮތަގޮތުން ކެޕްޕޭނަށް އެހީތެރިވާ ފަރާތްތަކުގެ ތެރޭގައި، އެހީ ޖަމިއްޔާ، ލޭއެޕް، މޯލްޑިވްސް ބްލަޑް ސަރވިސް، އަދި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ފަދަ މުހިންމު ފަރާތްތައް ފާހަގަކޮށްލެވެއެވެ. ކެމްޕޭނުގެ ދަރިވަރުން ފާހަގަކުރާގޮތުގައި މި އެއްބާރުލުމަކީ ކެމްޕޭނުގެ ކާމިޔާބީގެ މައިގަނޑު އެއް ސަބަބެވެ.

"އަތުކުރި އޮޅާލަމާ" ކެމްޕޭން ޓީމުން ފާހަގަކުރާ ގޮތުގައި، އެމީހުންގެ އަމާޒަކީ ހަމައެކަނި މިވަގުތަށް ލޭ ހޯދުން އެކަންޏެއްނޫނެވެ. އެމީހުން މަސައްކަތްކުރަނީ ލޭ ހަދިޔާކުރެވޭ ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށެވެ. މާނައަކީ، ލޭ ހަދިޔާކުރުމަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ބަލައިގަނެ، ގަވާއިދުން ލޭ ދޭން ބޭނުންވާ ބަޔަކު އުފެއްދުމެވެ. މިކަމަށްޓަކައި ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުކުރުމަކީ ކެމްޕޭނުގެ މައިގަނޑު ބައިތަކެވެ. ސޯޝަލް މީޑިއާގެ ބޭނުން ހިފައިގެން މިފަދަ ގައުމީ މައްސަލައަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަކީ ޒަމާނީ ޕީއާރުގެ ވަރަށް ކާމިޔާބު މިސާލެކެވެ.

"އަތުކުރި އޮޅާލަމާ" ކެމްޕޭނަކީ ދަރިވަރުންގެ އެސައިންމަންޓަކުން ފެށި ނަމަވެސް ، މުޅި ގައުމުގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކެމްޕޭނެކެވެ. ލޭ ހަދިޔާކުރުމުގެ މުހިއްމުކަން އާންމުންގެ ސަމާލުކަމަށް ގެނެސް، އަމިއްލައަށް އެދިގެން ލޭ ދޭ މީހުންގެ އަދަދު އިތުރުކުރުމަކީ މި ކެމްޕޭނުގެ މައިގަނޑު މަޤްސަދެވެ. މިފަދަ މަސައްކަތްތަކުން ދައްކުވައިދެނީ ދިވެހި ޒުވާނުންނަށް ގައުމަށްޓަކައި ކުރެވޭނެ މުހިއްމު މަސައްކަތްތައް ގިނަ ކަމެވެ. ވީމާ، އަޅުގަނޑުމެން ވެސް ލޭ ހަދިޔާކުރުމަށްޓަކައި "އަތުކުރި އޮޅާލަމާ"!

https://wamco.com.mv/
https://eportal.mwsc.com.mv/e-pay