logo

ދަރުމަައަށްޓަކައި ވެސް ލޭ ހަދިޔާކުރަމާ !

profile

ޝަހްޒާ މުޙައްމަދު - 23 ޖެނުއަރީ 2026 - 13:56

ގާތް މީހަކު، މަރާ ހަނގުރާމަކުރަމުންދާއިރު، ފުރާނަ ސަލާމަތްވާން އޮތް ގޮތަކީ ލޭ އަޅައިގެން ކަމަށްވާނަމަ، ލޭގެ ގުރޫޕް ދިމާވާނަމަ، ލޭ ނުދީ ހުންނަން ކެރޭނެހެއްޔެވެ.

https://wamco.com.mv/

ކޮންމެ ފުރާނައެއް ވެސް މުހިންމެވެ. ލޭ ހަދިޔާ ކޮށްގެން ފުރާނައެއް ސަލާމަތްކޮށްދިނުމުގެ ފުރުސަތު އޮތް އިރު، އެ މާތް އިންސާނީ ޚިދުމަތުން އެއްކިބާވާންވީ ކީއްވެހެއްޔެވެ.

ލޭ ހަދިޔާކުރުމަކީ އިންސާނަކަށް އަނެއް އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކޮށްދެވޭނެ އެންމެ މަތިވެރި އެއް ޚިދުމަތެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ނިސްބަތުން ތެލެސީމިއާ ކުދިން ގިނަ ގައުމަކަށް ވީހިނދު، ދާއިމީ ގޮތެއްގައި ލޭ ބޭނުންވާ ފަރާތްތަކާއި އެކި ހާދިސާތަކާ ގުޅިގެން ކުއްލި ފަރުވާއަށް ލޭ ބޭނުންވާ މީހުން އަބަދުވެސް ތިބެއެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމުގެ މުހިންމުކަން މިއަދު ވަނީ ދުވަހަކަށްވުރެ ބޮޑުވެފައެވެ.

މި ދުވަސްވަރު ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ވަނީ އެދިފައެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ހަ ބާވަތެއްގެ ލޭ މިވަގުތު ވަރަށް ބޮޑަށް ބޭނުންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޯ ނެގެޓިވް، ބީ ޕޮޒިޓިވް، ބީ ނެގެޓިވް އަދި އޭބީ ޕޮޒިޓިވް އެވެ.

ލޭ ހޯދުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ހާއްސަކޮށް މި ގްރޫޕުތަކުގެ ލޭ ހުރި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބީއެސްއިން އިލްތިމާސްކުރެއެވެ. ލޭ ހަދިޔާކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާގައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އެތަނުން ޚިދުމަތް ލިބޭނެއެވެ.

ލޭ ހަދިޔާކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރި، ލޭގެ ޒަރިއްޔާއިން ފެތުރިދާނެ ބައްޔެއް ނެތް މީހުންނަށެވެ. ލޭ ދޭން ދާއިރު މަދުވެގެން 6 ގަޑިއިރު ނިދާފައި ހުރުމާއި، ލޭ ދިނުމުގެ އެއްގަޑިއިރު ކުރިން ކޮންމެވެސް އެއްޗެއް ކައިގެން ހުރުމަކީ މުހިންމު ކަމެކެވެ.

ލެއަކީ ހަމައެކަނި އިންސާނުން ހަދިޔާކޮށްގެން ނޫނީ ލިބެން ނެތް އެއްޗަކަށް ވާތީ، މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ އަގުހުރި މަސައްކަތެކެވެ. ކޮންމެ ތިން މަހަކުން އެއްފަހަރު ލޭ ހަދިޔާކުރެވޭއިރު، ރާއްޖޭގައި ތެލަސީމިއާ ހުންނަ ފަރާތްތަކުގެ އަދަދު 651 ވަބީ އަރާފައެވެ. މި ކުދިންނަށް ގަވައިދުން ލޭ ބޭނުންވެއެވެ. ކުރިއަށް އޮތް ރަމަޟާން މަހަކީ އާންމުކޮށް ލޭ ލިބުން ދަތިވާ ދުވަސްވަރަކަށް ވާތީ، މިހާރުން ފެށިގެން ލޭ ހަދިޔާކުރުމަށް އެމްބީއެސްއިން ބާރުއަޅައެވެ.

ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބަލާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކޮންމެ މީހަކަށްވެސް އާންމުކޮށް ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރެވިދާނެއެވެ. ލޭގެ އިތުރުން، ޕްލޭޓްލެޓްސް އާއި ޕްލާސްމާ މިއަށްވުރެ ގިނަ ފަހަރު ހަދިޔާކުރުމުގެ ފުރުސަތު އޮވެއެވެ. އެއީ މި ބައިތަކަކީ އިންސާނާގެ ހަށިގަނޑުގައި ވަރަށް އަވަހަށް އުފެދޭ ބައިތަކަކަށް ވާތީއެވެ. މިފަދައިން ލޭ ހަދިޔާކުރުމަކީ ހަމައެކަނި ލޭ ލިބޭ މީހާއަށް އޮތް ފައިދާއެއް ނޫނެވެ. މީގެ ސަބަބުން ހަދިޔާކުރާ މީހާގެ ހަށިގަނޑުގައި އާ ސެލްތައް އުފެދި، ސިއްޙީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދެއެވެ.

ލޭ ހަދިޔާކުރުން އިތުރު ކުރުމަށާއި ހޭލުންތެރިކަން އިތުރުކުމަށް ކެޕްމޭންތައް ހިންޣާތަންފެނެވެ. އަދި އެކި ޖަމިއްޔާ ތަކުންނާއި އިދާރާތަކުން ލޭހަދިޔާކުރުމުގެ އިވެންޓްތައް ވެސް ބާއްވައެވެ. ނިމި ދިޔަ އަހަރުގެ ބައެއް ހަރަކާތްތަކަށް ބަލާއިރު، ހެލްތް މިނިސްޓްރީން ފެއްޓި "ޖޮއިން ދަ ހީރޯސް" ކެމްޕޭނާއި، ޔުނިވަރސިޓީ ދަރިވަރުންތަކެއް ފެށި އަތުކުރި އޮޅާލަމާ ކެމްޕޭން ފާހަގަކުރެވެއެވެ. މިއީ "ލޭ އެޕް" އާއި ގުޅިގެން، ވޮލަންޓަރީކޮށް ނުވަތަ އަމިއްލަ އިސްނެގުމަށް ލޭ ހަދިޔާކުރާ މީހުން އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭންތަކެކެވެ. މި ކެމްޕޭނުގައި ވާދަވެރި މާހައުލެއްގައި ޕޮއިންޓް ލިބޭ ގޮތަށް ކެޓަގަރީތަކަކަށް ބަހާލައިގެން ކުރިއަށްދާއިރު، މީގެ މައިގަނޑު މަގުސަދަކީ ލޭގެ ސަޕްލައި ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުންކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ލޭ ހަދިޔާކުރުމުގެ މަތިވެރިކަމާ ގުޅޭގޮތުން ދައުލަތުގެ އިސްވެރިންނާއި ދީނީ އިލްމުވެރިން އަބަދުވެސް ވާހަަކަދައްކަވާ އެކަމަށް ބާރުއަޅުއްވައެވެ. ޖޮއިން ދަ ހީރޯސް ކެމްޕޭނުގައި ރާއްޖޭގެ ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭފޮދަކީ ތެލެސީމިއާ ކުދިންގެ ދިރިހުރުމުގެ އުއްމީދެވެ.

ދީނީ ގޮތުން ބަލާއިރުވެސް މިއީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް ބޮޑު ސަވާބު ހުރި ކަމެކެވެ. މިދިޔަ އަހަރުގެ ލޭހަދިޔާ ކުރުމުގެ ދުވަހާއި ގުޅިގެން ޝެއިޚް ނިމާލް މުޙައްމަދު ވަނީ އެހެން މީހަކަށް މަޑުނުކޮށް، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ އާދަ މުޖުތަމައުގައި އަށަގެންނެވުމަށް އިލްތިމާސްކުރައްވާފައެވެ .ޝެއިޚް ވިދާޅުވީ. ސަވާބާއި ދަރުމަ ހޯދުމުގެ ނިޔަތުގައި އެކަން ކުރުމުން، ﷲގެ އިރާދަފުޅުން، ކޮންމެ ލޭ ތިއްކަކީވެސް ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމަކަށްވެގެންދާނެކަމަށެވެ.

ޝެއިޚް ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދިޔަނަމަވެސް ބައެއް ފަރާތްތަކަށް ލޭ ހޯދުމުގައި އަދިވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ލޭ ހޯދުމަށް މީހަކު އައިސް އެދުމުގެ ކުރިން ދަރުމަ އަށް ލޭ ހަދިޔާ ކުރުމުގެ އާދަ ހަރުލެއްވުމަށް ވެސް ޝެއިޚް އިލްތިމާސްކުރެއްވިއެވެ.

ލޭ ހަދިޔާކުރެވޭ އުމުރުފުރައަށް ބަލާއިރު، އާންމުކޮށް މިކަން ކުރެވެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް، ޒުވާން ޖީލަށް ވެސް ލޭހަދިޔާ ކުރުކުގެ ކެމްޕޭންތަކުގައި ބައިވެރިވެ އެކަމަށް މީހުން ހޭލުންތެރިކުރުމުގައި ވެސް ބައިވެރިވެވިދާނެއެވެ. އެގޮތުން ލޭހަދިޔާ ކުރުމަށް ޕްލެޖް ކުރުމަކީ ނުވަތަ ވައުދު ވުމަކީ ވެސް މިހާރު ބައެއް ޒުވާނުން ކުރާކަމެވެ. މިއީ މުސްތަގުބަލުގައި ލޭ ހަދިޔާކުރާނެ ދާއިމީ އާބާދީއެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ލޭ ހަދިޔާކުރުމަކީ ހަމައެކަނި ދެވޭ ހަދިޔާއެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އުއްމީދު ކެނޑިފައިވާ މީހަކަށް ދެވޭ އާ ފުރުސަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް "ހީރޯ" އަކަށް ވެވިދާނެއެވެ. އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކޮށް، އެތައް ފުރާނައެއް ސަލާމަތްކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަކީ މިއަދު މުޖުތަމައަށް އިންތިހާއަށް ބޭނުންޖެހިފައިވާ ކަމެކެވެެ. ލޭހަދިޔާ ކުރެވޭ ހާލަތުގައި ހުރި ކޮންމެ މީހަކު ވެސް އަވަހަށް ލޭ ހަދިޔާކުރަން އަވަސްވެގަންނަމާ ހިނގާށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay