logo

މަޖިލީހުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް

profile

އަހުމަދު ޒަލީފު - 01 މާރިޗު 2024 - 18:03

ރޮޒެއިނާ އާދަމް އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރޮޒެއިނާ އާދަމް އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގައި 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން އޭގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވާ، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަދި ސިޔާސީ މައިދާނުގައިވެސް އަންހެނުންނަށް ފުރުސަތު ހުޅުވާލުމެވެ.

އެގޮތުން، މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުތަކުގައި އަންހެނުންގެ ބަސް ހިމެނުމަށް އެ ބިލުގައި ވަނީ ގޮވާލައިފައެވެ.

އެ ބިލުގައި ހުށަހަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާ ބެހޭ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރުކުރުމަށެވެ.

އެގޮތުން، އެ މާއްދާގެ (ނ)ގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި މަޖިލީހުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ހިމެނުމަށް ހުށަހަޅާފައިވެއެވެ.

އެ މާއްދާގެ (ރ) ގެ ގޮތުގައި އިތުރުކުރަން އެދިފައިވާ އަކުރުގައި ވަނީ، އަންހެނުން އިންތޚާބު ކުރާ ދައިރާތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ. އޭގެ އިތުރުން، އިންތިޚާބުގައި އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލުގެ ދަށުން ކަނޑައަޅާ ދާއިރާތައް ހަމަހަމަވާނެ އުސޫލުން ދައުރުވަމުން ދާނެ ގޮތަކަށް ކަމަށް ވެސް ބަޔަންކޮށްފައި ވެއެވެ. އަދި އެކަމުގެ އުސޫލު ވަކި ޤާނޫނަކުން ކަނޑައަޅަންވާނެ ކަމަށްވެއެވެ.

https://int.etukuri.mv/
tel:+9607331319