logo

ހިމަބިހި ޖެހޭ މީހުންގެ އަދަދު މަދެއް ނުވޭ، ބަލި ޖެހުނު މީހުންގެ އަދަދު 166 އަށް

profile

އާމިނަތު ޝަޒްލާ - 21 ޖުލައި 2026 - 17:19

މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާއިރު، ނިމިދިޔަ ހަފްތާގައި އެކަނިވެސް އިތުރު 22 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މާލޭ ސަރަހައްދުން ހިމަބިހި ޖެހިފައިވާ ބަޔަކު ފެނިފައިވާކަން އެޗްޕީއޭއިން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ބަލި ކޮންޓްރޯލް ނުވެ ފެތުރެމުން އަންނައިރު، އަލަށް ފެނުނު ކޭސްތަކާއެކު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 166 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މީގެ އިތުރުން ދެ ބިދޭސީއަކަށް ވެސް މި ބަލި ޖެހިފައިވާކަން އެ އެޖެންސީން ފާހަގަކުރެއެވެ. ހިމަބިހި ފެތުރެމުންދާ މި ދަނޑިވަޅުގައި، މި ބަލި ޖެހިގެން ފަރުވާ ދެމުންދިޔަ 24 އަހަރުގެ ދިވެހި ޒުވާނަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އައިޖީއެމްއެޗްގައި މިހާރު ވަނީ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދެމުންދާ މަރުކަޒުތަކުގެ ތެރޭގައި އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާގެ އިތުރުން ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން، ލޯ ރަތްވުން އަދި އަރިދަފުން ފޭބުމެވެ. އެޗްޕީއޭއިން އިލްތިމާސްކުރަނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.

ރާއްޖޭގައި ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި ނަމަވެސް، 2023 ވަނަ އަހަރާއި މި އަހަރު އަނެއްކާވެސް މި ބަލި ރާއްޖޭން މިވަނީ ފެންނަން ފަށާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk