
ކަސްޓަމްސް އިން މީގެ ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ވައިގެ މަގުން އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އާމިނަތު ޝަޒްލާ - 21 ޖުލައި 2026 - 17:18
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ޖުލައި މަހުގެ 18 ވީ ބުރާސްފަތި ދުވަހު އިންޑިއާއިން ރާއްޖެއަށް އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުންނަކީވެސް އިންޑިއާއަށް ނިސްބަތްވާ ދެ ރައްޔިތުން ކަމަށާއި، އެމީހުން ދަތުރުކޮށްފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މި ތަކެތި ފެނިފައިވަނީ އެ ދެ ފަސިންޖަރުންގެ ލަގެޖް ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯއަށްވުރެ ގިނަ ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް އެ މުއައްސަސާއިން ލަފާކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އިންޑިއާގެ ދެ މީހުންނާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ ބައިނަލްއަގުވާމީ އެއަރޕޯޓުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފާރަވެރިވެ، ފަސިންޖަރުންގެ ލަގެޖުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކަސްޓަމްސްއިން މެދުނުކެނޑި ކުރިއަށް ގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި
6 ގަޑިއިރު ކުރިން

ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފި
6 ގަޑިއިރު ކުރިން
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި
6 ގަޑިއިރު ކުރިން

ހިންމަފުށީގައި މާރާމާރީ ހިންގި މީހުން ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަން އަންގައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)