logo

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށަނީ

profile

އައިޝަތު އިބްރާހިމް - 31 މޭ 2025 - 10:31

އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް
ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މިކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ. އަދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސްވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން" ރައީސް މުޢިއްޒު

އެމަނިކުފާނުގެ އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ޞިއްޙީ ދާއިރާ ތަރައްޤީކުރުން ކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. ހަމަ އެއާއެކު، ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަޞީލަތް އިތުރުކުރުމާއި ޢުމްރާނީ ގޮތުންނާއި ވަޞީލަތުގެ ގޮތުން އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން މިހާރުވެސް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ޞިއްޙީ ދާއިރާގެ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްވެސް މި ބަސްދީގަތުމުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާ ދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ ޢަމާޒުކަމަށެވެ. އަދި މާލެސިޓީ ހޮސްޕިޓަލްތައްވެސް ފެންވަރު ރަނގަޅުކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙަތަށް ކުރެވޭ ހަޤީޤި އިންވެސްޓްމަންޓަކީ ބަލިވުމުގެ ކުރިން ފިޔަވަޅުތައް އެޅުން ކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޕްރިވެންޓިވް ހެލްތުކެއާއަށް އެހާ ސަމާލުކަންދެއްވަނީ މި ސަބަބާހުރެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ޞިއްޙީ ދާއިރާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުން ލިބޭނެ ފައިދާތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319