logo
ވިލިމާލޭ ހޮސްޕިޓަލުގެ ކުރެހުމެއް---

ވިލިމާލޭ ހޮސްޕިޓަލުގެ ކުރެހުމެއް---

ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

profile

ޖިނާން ޙުސައިން ޖަބީން - 15 އޮކްޓޯބަރު 2026 - 17:27

ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ގޮތުން، މިހާރު ހިންގަމުންދާ ވިލިމާލޭގެ ބައު ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

މި މަސައްކަތަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފައިވާއިރު، މިވަގުތު އަމާން ހިޔާގައި ކުރަމުން އަންނަ މަސައްކަތަކީ، އިމާރާތުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމާއެކު، އެއްވެސް ދަތިކަމެއް ނެތި ދަތުގެ ފަރުވާއާއި، ފިޒިއޮތެރަޕީގެ އިތުރުން ޑައިލިސިސްގެ ހިދުމަތް ވެސް އެ އިމާރާތަށް ބަދަލުކުރެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ހިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އައިޖީއެމްއެޗް މެދުވެރިކޮށް މި ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

ހުރިހާ ހިދުމަތްތަކެއް އެއްކޮށް ވަގުތީ އިމާރާތަށް ބަދަލުކޮށް ނިމުމުން، އައު ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ހޮސްޕިޓަލް ހުރި ބިން ހުސްކޮށް، ހައުސިންގ މިނިސްޓްރީއަށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް ތަޅާލައި، އެ ބިމުގައި 100 އެނދުގެ ޒަމާނީ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލުގެ އިމާރާތް އެޅުމާއި، ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުންނެވެ. މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ.

ދެ އިމާރާތުގެ މައްޗަށް އެކުލެވިގެންވާ ގޮތަށް ފަރުމާކުރެވޭ މި އައު ހޮސްޕިޓަލުގައި، އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަޖެންސީ، ޑައިގްނޯސްޓިކްގެ އިތުރުން، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ހިދުމަތަށް ހާއްސަ އެނދުތައް ހިމެނޭނެއެވެ. އެހެންކަމުން މި ހޮސްޕިޓަލަކީ މިހާރު ވިލިމާލޭގައި ހުރި ހޮސްޕިޓަލާ އަޅާބަލާއިރު އެތަށް ގުނައެއް ހިދުމަތުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ވެގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319