logo

ބޭންކިން ނިޒާމު ހަރުދަނާކުރަން އެމްއެމްއޭއިން ޤާނޫނުތައް އިސްލާހުކުރަނީ

profile

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 12:56

ރާއްޖޭގެ އެތެރޭގެ ބޭންކިން ސިނާޢަތް ހަރުދަނާކޮށް، ދިވެހި ބޭންކުތައް ވަރުގަދަ ކުރުމަށްޓަކައި ބޭންކުތަކާ ބެހޭ ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު ނުވަތަ ބޭރު ފައިސާ ހިފެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ބޭރުފައިސާއާ ބެހޭ ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއި، ކުރިއަށް އޮތް ތަނުގައި ގެނައުމަށް ރާވާފައިވާ އިސްލާހުތަކަށް ގަވަރުނަރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ބޭރުފައިސާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ކުރިން، ކޯވިޑް-19 ގެ އާލަމީ ވަބާއަށްފަހު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުގެ ސިނާޢަތުން މާރުކުރަމުން ދިޔައީ ޑޮލަރުގެ އެންމެ 10 އިންސައްތައެވެ. ނަމަވެސް، ގެނެވުނު ބަދަލުތަކާއެކު މިހާރު އެ އަދަދު 21 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށާއި، މައިގަނޑު އަމާޒަކީ މި ނިސްބަތް މިއަށްވުރެވެސް މައްޗަށް ޖެއްސުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ ހަޤީޤަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް އަހަރަކު 5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އޭގެ ތެރެއިން 1.6 ބިލިޔަން ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަންނަ ކަމަށެވެ.

މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ދާދިފަހުން ޕޭމެންޓް ސިސްޓަމްގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި، "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފަދަ މުހިންމު ޤާނޫނީ ބަދަލުތައް ގެނައުމަކީ ރާއްޖޭގެ މާލީ ނިޒާމު ހަމަމަގަށް އެޅުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319