
ލާމު އަތޮޅުގައި އެމްޓީސީސީ އިން ފޯރުކޮށްދޭ ފެރީގެ ޚިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 11:07
"ރާއްޖެ ޓްރާންސްޕޯޓް ލިންކް" އާރު.ޓީ.އެލް އަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހިންގަމުންދާ އާންމު ދަތުރުފަތުރުގެ ނިޒާމެކެވެ. މި ޚިދުމަތް ތައާރަފުކުރެވުނީ ރަށްތަކުގެ މެދުގައި ރައްކާތެރި، އަގުހެޔޮ އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް، ކޮންމެ ދުވަހަކު ދަތުރުކުރާ އެތައް ހާސް ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމަށެވެ.
މި ނިޒާމުގެ ސަބަބުން ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، ތައުލީމީ، ސިއްހީ، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާއިލީ ގުޅުންތައް ބަދަހިކުރުމަށް ބޮޑެތި އެހީތެރިކަމެއް ލިބިފައިވެއެވެ.
މިފަދަ ހެޔޮ ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އަދިވެސް ހައްލުކުރަންޖެހޭ ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ ލާމު އަތޮޅުގެ ދަތުރުވެރިންނަށް، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން ފަރާތްތަކަށް ދިމާވާ ދަތިތަކެވެ.
މިހާރު ފެރީގެ ޓިކެޓް ބުކްކުރެވެނީ އާރު.ޓީ.އެލްގެ އޮންލައިން ނިޒާމު މެދުވެރިކޮށެވެ. އޮންލައިންކޮށް ޓިކެޓް ނެގުމަކީ ގިނަ ބަޔަކަށް ފަސޭހަ ކަމަކަށް ވީނަމަވެސް، މިއީ އެންމެންނަށް އެއްވަރަކަށް ބޭނުންކުރަން ފަސޭހަ ނިޒާމެއް ނޫނެވެ. އުމުރުން ދުވަސްވީ ގިނަ ފަރާތްތަކެއްގެ އަތުގައި ސްމާޓްފޯނު ނެތުމާއި، މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރަން ނޭނގުމުގެ ސަބަބުން، ޓިކެޓް ބުކްކުރުމަށް އެ ފަރާތްތަކަށް އާއިލާގެ މެންބަރުން ނުވަތަ އަވަށްޓެރިންނާއި ރައްޓެހިންގެ އެހީތެރިކަމަށް ބަރާސާވާން ޖެހެއެވެ.
މީގެ ސަބަބުން ތަފާތު ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ބައެއް ފަހަރު އެހީތެރިވެދޭ މީހާ އަތުނުޖެހުމުގެ ސަބަބުން، ދަތުރުވެރިޔާއަށް ގަޑިއަށް ޓިކެޓް ނުނެގޭ ގޮތްވެއެވެ. ސިއްހީ ފަރުވާއަށް ދިއުން ފަދަ ކުއްލި ހާލަތްތަކުގައާއި، އާއިލީ ޒަރޫރީ ބޭނުންތަކުގައި ނުވަތަ މުހިންމު ކަންކަމުގައި ދަތުރުކުރަން ޖެހޭ ވަގުތުތަކުގައި މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދެއެވެ.
މީގެ އިތުރުން، އަމިއްލައަށް ޓިކެޓް ބުކް ނުކުރާ ދަތުރުވެރިންނަށް ފެރީއަށް އެރުމުގެ ކުރިން ދައްކަންޖެހޭ "ބުކިންގ ކޮންފަރމޭޝަން" ދައްކަން ނޭނގުމަކީ ވެސް ދިމާވާ ގޮންޖެހުމެކެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް އޮޅުންބޮޅުންތަކާއި، ލަސްވުންތަކުގެ އިތުރުން ނުތަނަވަސްކަން ކުރިމަތިވެއެވެ. ޚާއްސަކޮށް، ދަތުރުފަތުރުކުރުމުގައި މިހާރުވެސް ކަންބޮޑުވުންތަކެއް ހުންނަ އުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އިތުރު ބުރައަކަށް ވެގެންދެއެވެ.
ބައެއް ހާލަތްތަކުގައި އިންޓަރނެޓްގެ ޚިދުމަތް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެއެވެ. ފޯނުގެ އިންޓަރނެޓް ކަނެކްޝަން ދަށްވުމުގެ ސަބަބުން ނުވަތަ ފޯނަށް ދިމާވާ ފަންނީ މައްސަލައެއްގެ ސަބަބުން، ބޭނުންވާ ވަގުތު ބުކިންގްއާ ގުޅޭ މަޢުލޫމާތު ހޯދުމަށް ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެދާނެއެވެ. އާންމު ދަތުރުފަތުރުގެ ޚިދުމަތަކީ ކޮންމެ އުމުރެއްގެ، އަދި ޓެކްނޮލޮޖީއަށް ކިތަންމެ ބީރައްޓެހި މީހަކަށް ވީނަމަވެސް، ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތަކަށް ވާންޖެހެއެވެ.
މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަމަލީ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. އެގޮތުން، މައިގަނޑު ފެރީ ޓާމިނަލްތަކުގައި ޓިކެޓް ކައުންޓަރުތައް ނުވަތަ އަމިއްލައަށް ޓިކެޓް ނެގޭނެ އިންތިޒާމުތައް (ސެލްފް ސާވިސް ކިއޮސްކް) ގާއިމުކުރުމަކީ އޮންލައިންކޮށް ޚިދުމަތް ހޯދަން އުނދަގޫ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން، ފޯނުން ބުކިންގް ހެދޭނެ އިންތިޒާމެއް ނުވަތަ ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭނެ ކަސްޓަމާ ސަޕޯޓް ލައިނެއް މެދުވެރިކޮށް ދޮށީ އުމުރުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.
އަދި އިތުރު އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ރަށު ކައުންސިލް އިދާރާތައް ނުވަތަ އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް ބުކިންގް ހެދުމުގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ހަމައެއާއެކު، އޮންލައިންކޮށް ބުކިންގް ހަދާނެ ގޮތުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ތަމްރީނުތައް ހިންގުމަކީ، މިފަދަ ނިޒާމުތައް ބޭނުންކުރުމަށް އާންމުންގެ އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެ ކަމެކެވެ.
މި އިޞްލާޙުތަކަކީ މިހާރު އޮތް ޑިޖިޓަލް ބުކިން ނިޒާމު އުވާލުމުގެ ބަދަލުގައި، އެ ނިޒާމުގެ ތެރެއިން އެއްވެސް ފަސިންޖަރަކު ބާކީނުވާނެކަން ކަށަވަރުކޮށް، އެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެނެވޭ ބަދަލުތަކެކެވެ. އާންމު ދަތުރުފަތުރުގެ ޚިދުމަތަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަކަމާއެކު ލިބެންޖެހޭ ޚިދުމަތެކެވެ. މީގެ ތެރޭގައި އިސްރަށްވެހިންނާއި، ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން ފަރާތްތަކުގެ އިތުރުން، ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންވެސް ހިމެނެންވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ވަޒަން އަޅާފައިވާ މެގަޒިނެއް އެތެރެކުރަން އުޅުނު އެމެރިކާ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
15 ގަޑިއިރު ކުރިން

ބޭންކިން ނިޒާމު ހަރުދަނާކުރަން އެމްއެމްއޭއިން ޤާނޫނުތައް އިސްލާހުކުރަނީ
15 ގަޑިއިރު ކުރިން

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ބައިވެރިންގެ ވަރުގަދަ ރައްދެއް!
15 ގަޑިއިރު ކުރިން

މުވައްޒަފުން ނުލިބޭނަމަ އަތޮޅުގެ އެހެން ރަށަކުން ނެގުމުގެ ހުއްދަ ކައުންސިލްތަކަށް!
2 ދުވަސް ކުރިން


