
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ ބައިވެރިންގެ ވަރުގަދަ ރައްދެއް!

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 12:55
އީރާނުގެ އިޤްތިޞާދު ހީނަރުކޮށްލުމަށް އެމެރިކާއިން އެންމެ ފަހުން އެކަށައެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް އެ ޤައުމުގެ ބައިވެރިން ބޯނުލަނބާނެ ކަމަށާއި، އެ ފިޔަވަޅުތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
މި ދަނޑިވަޅަކީ އެމެރިކާއާއި ޞިހްޔޫނީ އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް ސަރަޙައްދީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ވަގުތެކެވެ. އެގޮތުން، މި ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނާއި އީރާނާ ދެމެދު ތެހެރާނުގައި ކުރިއަށްދިޔަ މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ވަނީ އިޢުލާނު ކުރައްވާފައެވެ. ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ޖޫން މަހު ޤާއިމުކުރި ޞުލްޙައިގެ އިބްތިދާއީ އެއްބަސްވުން އެމެރިކާއިން މިހާރު ވަނީ އަމިއްލައަށް ބާޠިލުކޮށްފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޢާޞިމް މުނީރު އީރާނުގެ އިސް ވެރިންނާއެކު ބޭއްވެވި މުހިންމު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ހަނގުރާމަ އިތުރަށް ފުޅާވިޔަނުދިނުމަށާއި، މިހާރު ބަންދުކޮށްފައިވާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާ ގުޅޭގޮތުންނެވެ. ބައިނަލްއަޤްވާމީ ރިޕޯޓުތައް ބުނާ ގޮތުގައި، ޖެނެރަލް މުނީރު ތެހެރާނަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވަނީ ފޯނުން ގުޅުއްވައި މި މައްސަލައިގައި މަޝްވަރާކުރައްވާފައެވެ.
އީރާނަށް އިޤްތިޞާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވާއިރު، އީރާނުން ވެސް ވަނީ އެ ޤައުމުގެ މަޞްލަޙަތުތަކަށް އުނިކަން އަތުވެއްޖެނަމަ، ގަލްފުގެ ޤައުމުތަކުން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅާނެކަމުގެ އިންޒާރު ތަކުރާރުކޮށްފައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ވަނީ އީރާނަށް އެހީތެރިވާ 60 ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، ވިޔަފާރި ކުންފުނިތަކުގެ އިތުރުން ކަނޑުއުޅަނދުފަހަރު ވެސް ހިމެނެއެވެ. ނަމަވެސް، ދުނިޔޭގެ މާލީ ނިޒާމަށް ބޮޑު ލޮޅުމެއް އަރައިފާނެތީ، ޗައިނާގެ ބޭންކުތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އެމެރިކާގެ މި ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިޤްތިޞާދީ ވަޒީރު ޢަލީ މަދަނީޒާދާ ވިދާޅުވީ، ދުޝްމަނުން ކުރިމަތިކުރާ "އިޤްތިޞާދީ ޓެރަރިޒަމް" ގެ ހަމަލާތަކަށް އީރާން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެމެރިކާގެ ފިއްތުންތަކަށް އީރާނުގެ އެކުވެރި ޤައުމުތަކުން ދީލައިނުލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، އީރާނުގެ މުހިންމު ވަސީލަތްތަކަށް ގެއްލުންދޭން އުޅެފިނަމަ، ގަލްފު ސަރަޙައްދުން ބައިނަލްއަޤްވާމީ ބާޒާރަށް ތެޔޮ ދައުރުވާ ހުރިހާ މަގުތަކެއް އެއްކޮށް ބަންދުކޮށްލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ވަޒަން އަޅާފައިވާ މެގަޒިނެއް އެތެރެކުރަން އުޅުނު އެމެރިކާ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
14 ގަޑިއިރު ކުރިން

ބޭންކިން ނިޒާމު ހަރުދަނާކުރަން އެމްއެމްއޭއިން ޤާނޫނުތައް އިސްލާހުކުރަނީ
14 ގަޑިއިރު ކުރިން

ލާމު އަތޮޅުގައި އެމްޓީސީސީ އިން ފޯރުކޮށްދޭ ފެރީގެ ޚިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
16 ގަޑިއިރު ކުރިން

މުވައްޒަފުން ނުލިބޭނަމަ އަތޮޅުގެ އެހެން ރަށަކުން ނެގުމުގެ ހުއްދަ ކައުންސިލްތަކަށް!
2 ދުވަސް ކުރިން


