logo
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް---

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް---

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

profile

ޖިނާން ޙުސައިން ޖަބީން - 02 ނޮވެމްބަރު 2026 - 07:31

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ މެރީނާ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަގާނަމަ، ރައްޔިތުން މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށެވެ. އަދި ހިޔާލު ހޯދުމުގެ ވޯޓަކުން މި މަޝްރޫއަށް ރައްޔިތުން ރުހޭނަމަ އެކަމާ ދެކޮޅު ނުހައްދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސަރުކާރުން މިކަމުގައި ވަކިގޮތެއް ނުނިންމައިފިނަމަ، ރައްޔިތުން މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޯހިޔާވަހިކަމަށްޓަކައި ހިއްކި ބިމެއް ބޭރުގެ ބަޔަކަށް ދޭން ނިންމި ނިންމުމަކީ ނުހަނު ބޮޑަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުމުގެ އިތުރަށް ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔަ ކަމަށެވެ.

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފައެވެ. މި ގަރާރު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު މަހުފޫޒް ސައީދެވެ. މި ގަރާރު ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަޣުލަބިއްޔަތަކުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން، އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށެވެ. އަދި ސަރުކާރުން މިކަމަށް އިޖާބަ ނުދީފިނަމަ، އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުއިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށްވެސް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.

އެމްޑީޕީން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ވިދާޅުވަމުން ގެންދަވަނީ މި މަޝްރޫއަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓަކަށް ދާންޖެހޭ ފަދަ ކަމެއް ނޫން ކަމަށެވެ. މިއާއެކު މި މައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

https://wamco.com.mv/
tel:+9607331319