logo
އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަހައްދު

އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަހައްދު

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 13:25

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުން އަންނަ ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް) ގެ ސަރަހައްދީ ބަނދަރުން މުދާ ކްލިއަރ ކުރުމަށް ރަޖިސްޓްރީވުމާއި، އެ މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ އައުގަވާއިދު އެކުލަވާލައި އާންމުކޮށްފިއެވެ.

https://wamco.com.mv/

މި ޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ހިތަދޫ ސަރަހައްދީ ބަނދަރުން މުދާ ކްލިއަރކުރުމަށް ރަޖިސްޓްރީވުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، މުދާ ކްލިއަރކުރާ ސަރަހައްދުތަކުގައި މަސައްކަތްކުރާއިރު ރައްކާތެރިކަމާއި ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައެއްގައި ކަށަވަރުކުރުމެވެ.

އަލަށް އެކުލަވާލި މި ގަވާއިދުގެ ދަށުން ބަނދަރުން މުދާ ކްލިއަރ ކުރެވޭނީ، ކްލިއަރިންގ އެޖެންޓުންގެ ގޮތުގައި ނުވަތަ އަމިއްލަ ނަމުގައި މުދާ އެތެރެކުރާ ކުންފުނިތަކުގެ ގޮތުގައި އެޗްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުގައި ރަޖިސްޓްރީވެގެންނެވެ. މީގެ އިތުރުން، މި އުސޫލުގެ ދަށުން ރަޖިސްޓްރީވާ ފަރާތްތަކުން އެ ކުންފުނީގެ ޓެރިފްގައި ކަނޑައެޅިފައިވާ ރަޖިސްޓްރޭޝަން ފީ އަދި އަހަރީ ފީ ދައްކަންޖެހޭނެއެވެ.

އަހަރީ ފީ ދެއްކުމުގައި ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ކުރިއަށް އޮތް އަހަރުގެ ފީ ދައްކައި ޚަލާޞްކުރަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ފީ ނުދައްކައިފިނަމަ ޚިދުމަތް މެދުކަނޑައިލެވޭނެ ކަމަށާއި، އަލުން ހިދުމަތް ދެވޭނީ އަހަރީ ފީގެ އިތުރުން ޖޫރިމަނާ ދެއްކުމުން ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މުދާ ކްލިއަރ ކުރުމަށް ރަޖިސްޓްރީކުރާ ކޮންމެ ފަރާތެއްގައިވެސް، މަސައްކަތްތެރިން (ލޭބަރުން) ނާއި، ސުޕަވައިޒަރުން އަދި ސިގްނަލް މޭނުން ހިމެނޭހެން މަދުވެގެން 10 މުވައްޒަފުން ތިބެންޖެހެއެވެ. މީގެ އިތުރުން، އިތުރުވާ ކޮންމެ 9 މަސައްކަތްތެރިއަކަށް ސުޕަވައިޒަރަކު ހުރުން ލާޒިމުކުރެއެވެ.

ބަނދަރު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، އެ ސަރަހައްދަށް ވަދެވޭނީ 6 މަސް ނުވަތަ 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރެވޭ ޚާއްސަ އެންޓްރީ ފާހެއް އޮވެގެންނެވެ.

މި ފާސް ދޫކުރުމަށް ހަމަޖެހިފައިވަނީ، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޕޯޓް ވޯކާސް ޓްރެއިނިންގ ފުރިހަމަކޮށް، ޕޮލިސް ރިޕޯޓާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފަރާތްތަކަށެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްނަމަ، އެ ކުށުގެ ބާވަތަށް ބަލައި ބަނދަރަށް ވަނުމުގެ ހުއްދަ ނުދިނުމުގެ އިހްތިޔާރު ބަނދަރު ހިންގާ ފަރާތަށް ލިބިގެންވެއެވެ.

މި އުސޫލު ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓާއި ސެކިއުރިޓީ އެންޑް ސޭފްޓީ ޑިޕާޓްމަންޓް ގުޅިގެންނެވެ.

https://wamco.com.mv/
tel:+9607331319