
ކަންތައްތަކާ ބެހޭ ވަޒީރު، ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވެއިތުގެ މިނިސްޓަރ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒް، ހިޒް އެކްސެލެންސީ ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލް-ވަސްމީ
ރާއްޖެއާއި ކުވައިތުގެ އިސްލާމީ ވަޒީރުން ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފި

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 11:29
ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވެއިތުގެ މިނިސްޓަރ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒް، ހިޒް އެކްސެލެންސީ ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލް-ވަސްމީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާއި، ވަޤުފް ކުރިއެރުވުމާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކުވެއިތުގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމަކީ، އިސްލާމީ ކަންތައްތައް ކުރިއެރުވުމަށާއި ދީނީ މުއައްސަސާތައް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޝްވަރާތައް ބިނާކުރެވުނީ ވަޤުފްގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ރާއްޖެއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ވަޤުފްގެ ބިލު ފަރުމާކުރުމުގައި ކުވެއިތުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގައި ވަޤުފްގެ މުދާތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، އިންވެސްޓްކުރުމަށާއި ތަރައްޤީކުރުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވައިލުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، އިސްލާމީ ތަޢުލީމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ރާއްޖޭގެ އިމާމުންނަށާއި މިނިސްޓްރީގެ މުވައްޒަފުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އިމާމުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ޢަރަބި ބަހުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިއުން ހިމެނެއެވެ.
އަދި ހަމައެހެންމެ، އިސްލާމީ ކަންތައްތަކާ ގުޅުންހުރި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް، އިސްލާމީ ވަޤުފްތަކާއި ދީނީ ޚިދުމަތްތައް ހިންގާ ބެލެހެއްޓުމުގައި ކުވެއިތުގެ މުއްސަނދި ތަޖުރިބާގެ ބޭނުން ހިފުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމެވެ. އަދި ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، ތަޖުރިބާ ޙިއްޞާކުރުމުގެ ތެރެއިން އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ދެ ޤައުމުން ދޭ އިސްކަން މި ބައްދަލުވުމުން ހާމަވެގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
9 ގަޑިއިރު ކުރިން

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި
11 ގަޑިއިރު ކުރިން

މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފި
11 ގަޑިއިރު ކުރިން

އިޒްރޭލުގެ ވޯޓު ގުނުން ކުރިއަށްދާއިރު ހަރުކަށި ފަރާތްތަކުގެ އިންޒާރުތަކެއް!
11 ގަޑިއިރު ކުރިން


