logo

އާންމު ޞިއްޙަތުގެ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުން މުހިންމު

profile

އިބްރާހިމް ހުލައިލު - 15 ޖުލައި 2025 - 07:45

އާންމު ޞިއްޙަތަކީ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ދިޔުމަށްޓަކައި އެ ޤައުމެއްގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި ތަރައްޤީއަށް ވަރަށް މުހިންމު ދާއިރާއެކެވެ. މިގޮތުން ދިވެހިރާއްޖޭގައި ވެސް އާންމު ޞިއްޙަތަކީ އާބާދީގެ ދުޅަހެޔޮކަމާއި ދެމެހެއްޓެނިވި ތަރައްޤީގެ މައިގަނޑު އެއް ތަނބެއެވެ.

https://wamco.com.mv/

މި ދާއިރާއިން ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. މިގޮތުން ދުނިޔޭގެ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިއު.އެޗް.އޯ) ކަނޑައަޅާފައި ވެއެވެ. މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއިން މެލޭރިޔާ، ލިމްފެޓިކް ފިލޭރިއޭސިސް، އަދި މީސަލްސް ފަދަ ނުރައްކާތެރި ބަލިތައް ނައްތާލުމުގައި ސާބިތުކަމާއެކު މަސައްކަތްކޮށް، އެކަށީގެންވާ ކާމިޔާބީތަކެއް ހާސިލުކޮށްފައި ވެއެވެ.

ހަމަމިއާއެކު، ކުޑަކުދިންގެ ވެކްސިނޭޝަން ކަވަރޭޖް އިތުރުވުމާއި، މައިންނާ ތުއްތުކުދިންގެ ޞިއްޙަތުގައި ހޯދިފައިވާ ކުރިއެރުންތަކަކީ އާންމު ޞިއްޙަތުގެ ދާއިރާއިން ކުރެވޭ ހަރުދަނާ މަސައްކަތްތަކުގެ އަގުހުރި ނަތީޖާއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއި، ކުރެވުނު ކާމިޔާބު މަސައްކަތްތަކަކީ އާންމު ޞިއްޙަތުގެ ނިޒާމާއި އެނިޒާމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަންތީގެ މުވައްޒިފުންގެ މުހިންމުކަން ދައްކުވައިދޭ މިސާލެކެވެ.

އާންމު ޞިއްޙަތަކީ ޤައުމުގެ ދުޅަހެޔޮކަމާއި ތަރައްޤީއަށް މުހިންމު ދާއިރާއަކަށްވީ ނަމަވެސް މި ދާއިރާގެ މުހިންމުކަމާ އެއްވަރަށް، މި ދާއިރާގައި މަސައްކައްކަތް ކުރާ ފަރާތްތަކާއި، އެކުގައި މަސައްކަތް ކުރާ އިދާރާތަކުގެ އަގު އެކަށީގެންވާ މިންވަރަށް ވަޒަންކުރެވެމުން ނުދާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން، އާންމު ޞިއްޙަތަށް ޚާއްޞަ ދުވަހެއް ކަނޑައަޅައި ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމަކީ މި ދާއިރާގެ ކުރިއެރުމަށް އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އާ ހިތްވަރެއް ލިބި، މި ދާއިރާއަށް އިތުރު ސަމާލުކަމެއް ދެވިގެންދާނެ ކަމެކެވެ.

އަދި ހަމަ އެއާއެކު އާންމު ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރެވި، އާންމުންގެ ހޭލުންތެރިކަން އިތުރުވެ، މުޖުތަމަޢުގެ ބައިވެރިވުން އިތުރުވެ، އަދި ޞިއްޙަތާ ގުޅުންހުރި އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމެއްކަމުގައި ފެނެއެވެ.

އާންމު ޞިއްޙަތުގެ ދުވަހެއްގެ ގޮތުގައި ވަކި ޚާއްސަ ދުވަހެއް ކަނޑައަޅައި ފާހަގަކުރުމަކީ ސަރުކާރާއި އަމިއްލަ ޖަމުޢިއްޔާތަކާއި އަދި އާންމު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތަތަކަށް ވާނެއެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން، ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، އާ ސިޔާސަތުތައް އެކުލަވާލުމަށާއި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.

އާންމު ޞިއްޙަތަކީ މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ ޞިއްޙަތު ރައްކާތެރި ކުރުމާއެކު ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބެވޭކަން ކަށަވަރު ކުރުމެވެ. މިކަން ޙާޞިލުކުރެވޭނީ ޞިއްޙީގޮތުން ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއެކު، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ދެނެގަތުމާއި، މި ބަލިތަކުން ސަލާމަތްވެ ތިބުމަށް ދުރާލާ ކުރެވޭ މަސައްކަތްތަކުންނެވެ.

ޕްރިވެންޓިވް ކެއަރގެ މަސައްކަތްތަކަށް، ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ރާއްޖޭގެ ހުރިހާ އަތޮޅުގައި ތައާރަފް ކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަމަނަވެށިތަކާއި އަރބަން ސެންޓަރުތައް ޤާއިމުކުރުމަކީ މި ސަރުކާރުގެ އެއްމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި، މި މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވެއެވެ. މިއީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޅުނު ބިންގަލެކެވެ. އަދި އެއީ މި ސަރުކާރުގެ މެނިފެސްޓޯ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެއްވެސް މެއެވެ.

އާންމު ޞިއްޙަތަށް ޚާއްސަ ދުވަހެއް ކަނޑައެޅި، އެދުވަސް ފާހަގަކުރުމުން، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި މި ދާއިރާއަށް ކުދީންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. އެގޮތުން، އެލައިޑް ހެލްތު ޕްރޮފެޝަނަލްސްގެ ދާއިރާއިން 1500 ދިވެހިން ތަމްރީނުކުރުމަށްވެފައިވާ ވަޢުދު ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ސަރުކާރުން އާންމު ޞިއްޙަތަށް ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަން ރައްޔިތުންނަށް ފާހަގަކުރެވިގެންދާނެއެވެ.

އާންމު ޞިއްޙަތުގެ ދުވަހަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެ ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރުވެސް އާންމު ޞިއްޙަތުގެ ދުވަސް ފާހަކަރުމުގެ ސަބަބުން މި ދާއިރާގެ މަސައްކަތްތެރިންގެ އަގުވަޒަން ކުރުމުގެ އިތުރުން މި ދާއިރާ ކުރިއެރުވި އާންމުންގެ މެދުގައި ޞިއްޙަތާ ގުޅޭ މުހިންމު މައުޟޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

އާންމު ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު 7 ވަނަ ދުވަސް ކަޑައަޅައި، އެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި މިނިސްޓްރީތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ރަށު ކައުންސިލްތަކާއި، ޖަމުޢިއްޔާތަކާއި އަދި އަމިއްލަ ފަރާތްތައް މެދުވެރިކޮށް އާންމު ޞިއްޙަތާ ގުޅޭ ހަރަކާތްތައް ރާވައި ހިންގާނެއެވެ.

އާންމު ޞިއްޙަތުގެ ދުވަސް 7 ސެޕްޓެންބަރުގައި ފާހަގަކުރުމަށް ތިރީގައި ބަޔާންކޮށްފައިވާ ނުކުތާތަކުން ބާރު ލިބިގެން ދެއެވެ:

7 ސެޕްޓެންބަރު 1934 ވަނަ އަހަރުގައި އާންމު ބޮޑެތި ބަލިތަކާ ބެހޭ ޤާނޫނު، ޤާނޫނު ނަންބަރ؛ (46/34) ތަސްދީޤުކުރެވިގެން ދިޔައެވެ. އަދި މި ޤާނޫނަކީ ދިވެހިރާއްޖޭގައި އާންމު ބޮޑެތި ބަލިތައް ކޮންޓްރޯލްކުރުމުގެ ނިޒާމުގެ ބިންގާ އެޅިގެންދިޔަ ޤާނޫނެވެ.

7ސެޕްޓެންބަރު 1961 ވަނަ އަހަރު އާންމު ޞިއްޙަތުގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް، ގޯލްޑަން ރޭ ނަމަކަށް ކިޔުނު ފުރަތަމަ އިންޖީނުލީ އުޅަނދު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހަދިޔާކޮށްފައިވެއެވެ. އަދި މީގެ ސަބަބުން އާންމު ޞިއްޙަތު ކުރިއެރުވުމުގައި ފާހަގަކޮށްލެވޭ ގިނަގުނަ ފައިދާހުރި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ހަމައެއާއިއެކު ފުރަތަމަ ފަހަރަށް އާންމު ޞިއްޙަތުގެ ދާއިރާއިން މަސައްކަތްތެރިން ތަމްރީނު ވެގެން ދިޔައެވެ.

https://wamco.com.mv/
https://www.aslu.com.mv