
މާލެ ސިޓީ މޭޔަރއާއި ޗައިނާ ސަފީރު ބައްދަލުކުރެއްވުން / ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރ ޢާޒިމް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފި

އައިޝަތު އިބްރާހިމް - 18 އޯގަސްޓު 2025 - 13:51
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއާ ބައްދަލުކުރައްވައިފިއެވެ.
މާލެ ސިޓީން ބުނީ މި ބައްދަލުކުރެއްވުން އޮތީ، އާދިއްތަ ދުވަހު މާލޭގައި ހުންނަ ޗައިނާ އެމްބަސީގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ އެ މަނިކުފާނު ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި، މާލެ ސިޓީގެ ކަންކަން ރަނގަޅުކުރެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ ޚިޔާލު ވީހާ ގިނައިން، ވީހާ ގާތުން ހޯއްދަވައިގެން، މާލެ ސިޓީގެ ކައުންސިލުން ރައްޔިތުންނަށްފޯރުކޮށް ދެއްވާ ޚިދުމަތްތައް ފޯރުކޮށް ދެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ގެވާހަކަގައި، ރާއްޖޭގެ ތަރައްޤީއަށް ހިންގާފައިވާ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ޗައިނާ ސަރުކަރުން ދެއްވާފައިވާ އެހީތެރިކަމާއި އަދާކުރަމުންދާ މުހިންމު ރޯލު، ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ މޭޔަރއާއި ޗައިނާ ސަފީރު ބައްދަލުކުރެއްވުން / ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރ ވިދާޅުވީ، މާލެ ސިޓީގައި ދުއްވާ ވެހިކަލްތައް ގިނަވެ، ޓްރެފިކް މައްސަލަތައް ކުރިމަތިވާ ކަމަށާއި އެ ކަމަށް ހައްލެއް ގެނައުމަށް، ބައެއް މަގުތައް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް، ކޮންމެ ދުވަހަކު ކާނު ސާފު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވަމުން އަންނަކަމަށް ވެސް މޭޔަރ ވިދާޅުވިކަން ސިޓީ ކައުންސިލުންވާނީ ފާހަގަކޮށްފައެވެ.
މާލެ ސިޓީގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް، މި ބައްދަލު ވުމުގައި މޭޔަރ ޢާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމަށް ޗައިނާއިން ދެމުން އަންނަ ފުރިހަމަ އެހީތެރި ކަމަށް ވެސް މޭޔަރ ޢާޒިމް ޝުކުރު އަދާކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައި ލައްވައި، މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އިތުބާރުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް ތާނގައި ވެސް ދެ ޤައުމަށް ފައިދާކުރާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ޗައިނާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއެކު، މިހާރު އޮތް ގުޅުން ކުރިޔަށް ވުރެ ބޮޑަށް ބަދަހިކުރައްވާނެ ކަމަށާއި، ކައުންސުލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް، ދެވެންއޮތް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ސިޓީ ކައުންސިލްގެ މަދަޙަ އަދި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
3 އަހަރު ކުރިން

ވެމްކޯގެ އެއްބާސްވުން އާނުކޮށް މާލެ ސާފުކުރުން ސިޓީ ކައުންސިލަށް ނަގައިފި
3 އަހަރު ކުރިން

ޔާމީނުގެ ހުކުމާއެކު ގައުމު ވެއްޓިފައި މިވަނީ ފުން އަދަވަޅަކަށް - މާލެ ސިޓީ ކައުންސިލް
3 އަހަރު ކުރިން

"މާލެ ކުނިވަންދެން ބަލަން ނުތިބެވޭނެ"
3 އަހަރު ކުރިން