
ސިޓީގެ ކޯޗު ގާޑިއޯލާ, މިސީޒަންގެ ނަތީތައް މިވަގުތު ގޯސް
10 ވަނަ އަހަރަކަށް ކްލަބްގައި މަޑުކުރަން ގާޑިއޯލާ އެއްބަސްވެއްޖެ

ހަފްސީ އަބްދުﷲ - 20 ނޮވެމްބަރު 2024 - 07:16
10 ވަނަ އަހަރަކަށް މެންޗެސްޓަރ ސިޓީގައި މަޑުކުރަން ކޯޗު ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެ އެވެ.
ރިޕޯރޓްތައް ބުނާ ގޮތުން މިސީޒަންގެ ނިޔަލަށް ހަމަވާން އޮތް އެއްބަސްވުން ގާޑިއޯލާ ވަނީ އިތުރު އަހަރަަކަށް އާކުރަން އެއްބަސްވެފައެވެ. އެއާއެކު އޭނާ ސިޓީގައި ހޭދަކުރާ މުއްދަތު 10 އަހަރަށް ވާނެއެވެ. ކްލަބުން ޔަގީންކޮށް ނުދިން ނަމަވެސް ރިޕޯރޓްތައް ބުނާ ގޮތުން އިތުރު އަހަރެއްގައި ކްލަބްގައި މަޑުކުރަން ގާޑިއޯލާ އެއްބަސްވީ އެމުއްދަތުވެސް އިތުރުކުރެވޭ ގޮތަށެވެ. 53 އަހަރުގެ ކޯޗު ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ.
ގާޑިއޯލާ ވަނީ ސިޓީއާ ހަވާލުވެ މިހާތަނަށް 18 ތަށި ހޯދައިދީފައެވެ. އޭގެތެރެއިން ހަ ތަށްޓަކީ ޕްރިމިއަރ ލީގެވެ. އެއް ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ. ސިޓީގައި ގާޑިއޯލާ ވެފައިވަނީ އިނގިރޭސި ފުޓްބޯޅައިގަ ޓްރެބަލް ކާމިޔާބުކުރި ދެވަނަ ކޯޗަށެވެ. ގާޑިއޯލާ ވަނީ އެއް ސީޒަނެއްގައި ޕްރިމިއަރ ލީގާއި, އެފްއޭކަޕާއި, ޗެމްޕިއަންސް ލީގު ސިޓީއަށް ހޯދައިދީފައެވެ. 100 ޕޮއިންޓާއެކު އިނގިރޭސި ލީގު ހޯދައިދިން ފުރަތަމަ ކޯޗަކީވެސް ގާޑިއޯލާ އެވެ. އަދި ވިދިވިދިގެން ހަތަރު އަހަރު އިނގިރޭސި ލީގު ހޯދައިދިން ފުރަތަމަ ކޯޗަކީވެސް ގާޑިއޯލާ އެވެ. ނަމަވެސް މިވަގުތު ސިޓީ އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ.