
ސިޓީގެ ކޯޗު ގާޑިއޯލާ: ފޮޓޯ-ޕްރިމިއަރ ލީގު
ވިދިވިދިގެން ހަތަރު ވަނަ ބައްޔާއެކު ގާޑިއޯލާ އަށް ގޮތް ހުސްވެއްޖެ

ހަފްސީ އަބްދުﷲ - 10 ނޮވެމްބަރު 2024 - 01:51
ވިދިވިދިގެން 4 ވަނަ ބައްޔާއެކު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ގޮތް ހުސްވެއްޖެ އެވެ. ވިދިވިދިގެން ވީ ތިން ބައްޔަށް ފަހު ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން ސިޓީ ބަލިވީ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށެވެ.
ބްރައިޓަން އިން ސިޓީގެ މައްޗަށް ކުރި ހޯދީ 2-1 ނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ހާލަންޑްގެ ގޯލުން ސިޓީ ކުރީގައި އޮވެގެންނެވެ. އެކަމަކު ދެވަނަ ހާފްގައި ބްރައިޓަން އިން ވަނީ ސިޓީ ކޮޅަށް ދެ ގޯލް ޖަހާ ގާޑިއޯލާ ގޮތް ހުސްކޮށްލާފައެވެ. ބްރައިޓަންގެ ދެ ގޯލް ޖެހީ 78 ވަނަ މިނިޓާއި 83 ވަނަ މިނިޓްގައި ޕެޑްރޯ އާއި އޯރިލޭ އެވެ.
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު
މިއީ ސިޓީގެ ކޯޗު ކަމުގައި ގާޑިއޯލ ވިދިވިދިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ސިޓީ ބަލިވީ ޕްރިމިއަރ ލީގުގެ ދެ މެޗާއި, ލީގު ކަޕްގެ މެޗަކުންނާއި, ޗެމްޕިއަންސް ލީގުގެ މެޗަކުންނެވެ. އަދި މިއީ 2006 އޮކްޓޯބަރުގެ ފަހުން ވިދިވިދިގެން ހަތަރު މެޗުން ސިޓީ ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ. ސިޓީން ކުޅެމުން ދަނީ އަނިޔާގެ ސަބަބުން ޑިފެންޑަރ ރުބެން ޑިއާޒް އާއި ޖޯން ސްޓޯންސް އާއި ބެލޮންޑިއޯ އުފުލާލި މިޑްފީލްޑަރ ރޮޑްރީ ނުލައެވެ.
ޕެޕް ގާޑިއޯލާ މީގެކުރިން ވިދިވިދިގެން ހަތަރު މެޗުން ބަލިވީ 2014-2015 ވަނަ އަހަރުގެ ސީޒަންގައި ބަޔާން މިއުނިކްގައެވެ. މެޗުން ބަލިވިޔަސް ލީގު ތާވަލްގައި ސިޓީ އަދިވެސް އޮތީ ދެވަނައިގައެވެ. އެކަމަކު އެއްވަނައިގަ އޮތް ލިވަޕޫލާ ދެމެޗު 5 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.