ސިޓީ ބަލިވެ, ލިވަޕޫލް އެއްވަނަ އަށް
ހަފްސީ އަބްދުﷲ - 03 ނޮވެމްބަރު 2024 - 05:19
ލިވަޕޫލް މޮޅު ކޮށްދިން ލަނޑު ޖެހުމަށްފަހު ސަލާހު: ފޮޓޯ-ލިވަޕޫލް
ތްއިނގިރޭސި ޕްރިމިއަރ ލީގުގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބޯންމައުތް އަތުން ބަލިވެ, ތާވަލްގެ އެއްވަނަ ގެއްލިއްޖެ އެވެ. ބޯންމައުތްގެ ދަނޑުގައި އެޓީމުން ސިޓީ ބަލިކުރީ 2-1 ނެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖަހާ ބޯންމައުތުން ވަނީ ސިޓީ ސިއްސުވާލާފައެވެ. އެޓީމުން ވަނީ 9 ވަނަ މިނިޓްގައި ލީޑް ނަގާފައެވެ. ލީޑް ނަގައިދިނީ ސެމެންޔޯ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖެހީ އިވާނިލްސޮން އެވެ. ދެ ލަނޑު ޖަހަންވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ކާކޭޒް އެވެ. ސިޓީގެ ހަމައެކަނި ލަނޑު 82 ވަނަ މިނިޓްގައި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ޑިފެންޑަރ ގުވާޑިއޯލް އެވެ. މިއީ ބޯންމައުތްގެ ތާރީޚުގައިވެސް ލީގު ޗެމްޕިއަންގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ 32 މެޗަށްފަހު ލީގުގައި ސިޓީގެ ފުރަތަމަ ބައްޔެވެ. މިމެޗުގެ ކުރިން ލީގުގައި ސިޓީ ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އަދި މިއީ ހަތަރު ދުވަސް ތެރޭގައި ޕެޕް ގާޑިއޯލާގެ ސިޓީގެ ދެވަނަ ބައްޔެވެ. ކަރަބޯ ކަޕްގައި ޓޮޓްނަމް އަތުން ބަލިވެ ކެޓީވެސް މިހަފްތާގައެވެ.
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ބޯންމައުތް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ބޯންމައުތް
ސިޓީ ބަލިވުމުގެ ފައިދާެއާއެކު ލިވަޕޫލު ވަނީ 2-1 ން ބްރައިޓަން ބަލިކޮށް, ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލާފައެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލުން މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ. މެޗުގައި ބްރައިޓަން އިން ލީޑް ނެގީ 14 ވަނަ މިނިޓްގައި ކަޑިއޯގުލޫ ޖެހި ލަނޑުންނެވެ. 70 ވަނަ މިނިޓްގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. މެޗުން ލިވަޕޫލް މޮޅުކޮށްދިން ލަނޑު އޭގެ މިނިޓެއް ފަހުން ޖެހީ މުޙައްމަދު ސަލާހު އެވެ.
މެންޗެސްޓަރ ސިޓީގެ އިތުރުން މިދިޔަ ސީޒަންގައި ލީގަށް ވާދަކުރި އާސެނަލް ވެސް ވަނީ ހޮނިހިރު ދުވަހު ބަލިވެފައެވެ. ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް ބަލިވީ 1-0 ނެވެ. މެޗުގައި ނިއުކާސަލް ޔުނައިޓެޑްގެ ލަނޑު ޖެހީ އިސާކް އެވެ.
މިނަތީޖާތަކާއެކު ލިވަޕޫލް ތާވަލްގެ އެއްވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓާއެކު އެވެ. ދެވަނަގައި މެންޗެސްޓަރ ސިޓީ އޮތީ 23 ޕޮއިންޓާއެކުއެވެ. އަސެނަލް އޮތީ 18 ޕޮއިންޓާއެކު 4 ވަނާގައެވެ. ތިން ވަނާގައި އޮތީ 19 ޕޮއިންޓާއެކު ނޮޓިންގހަމް ފޮރެސްޓް އެވެ.