ސީޒަންގައި ކޯލް ޕާމާގެ 7 ވަނަ ގޯލުން ޗެލްސީ މޮޅު
ހަފްސީ އަބްދުﷲ - 28 އޮކްޓޯބަރު 2024 - 03:44
މިސީޒަންގައި ވެސް އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ ޕާމާ: ފޮޓޯ-ޗެލްސީ
މި ސީޒަންގެ ލީގުގައި ކޯލް ޕާމާގެ 7 ވަނަ ގޯލުން ޗެލްސީ މޮޅު ވެއްޖެއެވެ. ޗެލްސީން މެޗު ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 2-1 ނެވެ.
މެޗުގައި ޗެލްސީއަށް ލީޑް ނަގައިދިނީ 18 ވަނަ މިނިޓްގައިނިކޮލަސް ޖެކްސަން އެވެ. އޭނާ އަށް ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީޕެޑްރޯ ނެޓޯ އެވެ. މިއީ ނިކޮލަސް ޖެކްސަން މިސީޒަންގެ ލީގުގައި ޖެހި 5 ވަނަ ގޯލެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން ނިއުކާސަލް ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. 32 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އިސާކް އެވެ. ޕާމާ ޗެލްސީ މޮޅުކޮށްދިނީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ. ލަވިއާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޕާމާ ލަނޑު ޖެހީ ކީޕަރު ނިކް ޕޯޕް ކައިރިންވެސް ނައްޓާލުމަށްފަހު އެވެ. މިއީ މިސީޒަންގެ ލީގުގައި ކުޅުނު 9 މެޗުން ޕާމާ ޖެހި 7 ވަނަ ގޯލެވެ. މެޗުގައި ޗެލްސީއަށް ރެފްރީ ޕެނަލްޓީއެއްވެސް ދިނެވެ. ނަމަވެސް ވީއެއާރުން ބެލުމަށްފަހު ނިންމުން ބަދަލުކުރީއެވެ. އަދި މެޗުގެ ކުރީކޮޅު ޕާމާ ޖެހި ލަނޑެއް އޮފްސައިޑް ކަމަށްވެސް ނިންމިއެވެ.
މެޗުން މޮޅުވެ ޗެލްސީ އޮތީ 18 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނާގައެވެ. ޗެލްސީ ވަނީ މިސީޒަންގެ ލީގުގައި ކުޅުނު 9 މެޗުގެ ތެރެއިން 5 މެޗުން މޮޅުވެފައެވެ. ބަލިވީ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް އަތުންނެވެ. އެއީ ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް ދެޓީމެވެ. ޗެލްސީއަށްވުރެ ކުރީގައި އޮތީ ހަތަރު ވަނައާއި ތިން ވަނާގައި 17 ޕޮއިންޓާއެކު އެސްޓަން ވިލާއާއި އާސެނަލެވެ.
މިހަފްތާގައިވެސް ނާކާމިޔާބު ކުރިމަތިވީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. 1-1 ން އެއްވަރުވާނެ ކަމަށް ބެލެވުނު މެޗުގައި މެންޗެސްޓަ ޔުނައިޓެޑް ވަނީ ވެސްޓްހޭމް ޔުނައިޓެޑް އަތުން 2-1 ން ބަލިވެފައެވެ. މެޗުން ޔުނައިޓެޑް ބަލިވީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ބޮވެން ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގައި ޔުނައިޜެޑްގެ ލަނޑު ޖެހީ ކަސެމީރޯ އެވެ. ޔުނައިޓެޑް އޮތީ ތާވަލްގައި 14 ވަނާގައެވެ.