އާސެނަލްއާ ޗެލްސީ އެއްވަރު, ނިސްތެލްރޫއީގެ ފަހު މެޗުން ޔުނައިޓެޑް މޮޅު
ހަފްސީ އަބްދުﷲ - 11 ނޮވެމްބަރު 2024 - 02:38
ބުރޫނޯ ފެނާންޑޭޒް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު
ގުއިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާ އާސެނަލްގެ ވާދަވެރި މެޗު އެއްވަރު ވެއްޖެ އެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އާސެނަލް އިންނެވެ. 60 ވަނަ މިނިޓްގައި އާސެނަލް އަށް ލީޑް ނަގައިދިނީ ގަބްރިއެލް މާޓިނެލީ އެވެ. އެއީ މިޑްފީލްޑަރ އޮޑެގާޑް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެ ދިހަ މިނިޓް ފަހުން ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕެޑްރޯ ނެޓޯ އެވެ. އޭނާ ނަތީޖާ ހަމަހަމަ ކުރީ އެންޒޯ ފެނާންޑޭޒް އެވެ. މިނަތީޖާއާއެކު އެންމެފަހުން އާސެނަލް އިން ހުރިހާ މުބާރާތްތަކެއް ހިމެނޭހެން ކުޅުނު ހަ މެޗުންވެސް މޮޅެއް ނުވެއެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު 10 މެޗުން ބަލިވީ އެއް މެޗުންނެވެ.
ޗެލްސީއާއި އާސެނަލް ވެސް ލީގު ތާވަލްގައި އޮތީ 19 ޕޮއިންޓާއެކު އެވެ. އެއްވަނައިގަ އޮތް ލިވަޕޫލާ ދެމެދު 9 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އާސެނަލް އިން: ފޮޓޯ-ޕްރިމިއަރ ލީގު
ވަގުތީ ކޯޗު ނިސްތެލްރޫއީގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ފަހު މެޗު ވަނީ ލެސްޓަރ ސިޓީއާ ވާދަކޮށް ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހާ ތިންވަނަ ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ޕޯޗްގަލްގެ ބުރޫނޯ ފެނާންޑޭޒް އެވެ. ފުރަތަމަ ހާފްގައި ބުރޯނޯ ފެނާންޑޭޒް ގޯލް ޖެހީ ޑިއާލޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ހާފް ނިމުމުގެ ކުރިން ލެސްޓަރ ސިޓީން ބައިކޮޅަށް ޖެހި ގޯލްގައިވެސް ހިއްސާވި ކުޅުންތެރިއަކީ ބުރޫނޯ ފެނާންޑޭޒް އެވެ. ތިންވަނަ ގޯލް 82 ވަނަ މިނިޓްގައި ޖެހީ ގާނާޗޯ އެވެ.
ބުރޯނޫ ވަނީ ޔުނައިޓެޑަށް 250 މެޗު ކުޅެދީފައެވެ. އެކަން ފާހަގަކޮށް ޔުނައިޓެޑުން ވަނީ އޭނާގެ ޖަރޒީއާއި ޔުނައިޓެޑްގައި ހޯދި ބައެއް ކާމިޔާބީތައް ހިމެނޭ ފޮޓޯތަކެއް ފްރޭމްކޮށް އޭނާއަށް ހަދިޔާކޮށްފައެވެ. މިއީ އެރިކް ޓެން ހާގް ވަކިކޮށް, ވަގުތީ ކޯޗުކަން ހަވާލުކުރި ނިސްތެލްތޫއީގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފަހު މެޗެވެ. ވަގުތީ ކޯޗާއެކު ޔުނައިޓެޑް ބައްޔެއް ނުވެއެވެ. އެހެންކަމުން އާ ކޯޗު އަމޯރިމް ހަވާލުވާއިރު ޔުނައިޓެޑް އޮންނާނީ ރަނގަޅު ފޯމެއްގައެވެ. ލީގު ތާވަލްގައި ޔުނައިޓެޑް އޮތީ 15 ޕޮއިންޓާއެކު 13 ވަނައިގައެވެ.