logo

ވާހަކަ އޮޅުވާލައިގެން ފަތުރާތީ އަބްދުއްރަހީމް ކަންބޮޑުވުން ފާޅުކުރައްވައިފި

profile

ޒިދާން މުޙައްމަދު - 28 އޯގަސްޓު 2024 - 18:40

ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަ އޮޅުވާލައިގެން ފަތުރަމުންދާތީ އެކަމާ ގުޅިގެން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަބްދުއްރަހީމް މިކަމުގައި ކަންބޮޑުވުން ފާޅުކުރެއްވީ، ވެރިކަން ކުރާ މައި ޕާޓީ - ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސިނަމާލޭ ބުރިޖުގެ އެއް ލޭނު މަދުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު ޑރ މުއިއްޒަށް "ރޮވެންދެން ބަވައިލި" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމު ވިދާޅުވީ ފެށުނީއްސުރެވެސް ޔާމީންގެ ހިތުގައި މުއިއްޒަށް ހިތްހަމަ ނުޖެހުން އޮތް ކަމަށާއި ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަން އުޅުއްވި ކަމަށެވެ. ނަމަވެސް އެކަން ނުވީ އެކިއެކި ސަބަބުތައް މެދުވެރިވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ އެ ވާހަކަތައް ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާތީ އަބްދުއްރަހީމް ވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކުރަައްވައި އިތުރަށް ތަފުސީލުކޮށްދެއްވާފައެވެ.

އަބްދުއްރަހީމްވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އޮތް އެންމެ ފަހު ދުވަސްކޮޅު ބުރިޖު ހުޅުވަން މަސައްކަތް ކުރަމުން ދިޔައިރު، ޕީޕީއެމްގެ އޮފީސް ހިންގަމުންދިޔައީ ސަކީނާ މަންޒިލްގައި ކަމަށެވެ.

އެތަނުގައި ޕާޓީ އޮފިސް ހިންގަމުން ދިޔައިރު ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައިވެސް ރައީސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު ރައީސް ޑރ. މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ ބޭފުޅުން މިހާރުގެ ވަޒީރުންގެ މަޖިލީހުގައި ވެސް ތިއްބަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ބުރިޖުގެ ލޭނު މަދުކަން ރައީސް ޔާމީނަށް އެނގިވަޑައިގަތީ އެދުވަހު ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ކީރިތިކުރެއްވޭ ވަރަށް ބެވި ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ބްރިޖުގެ އެއް ލޭނު މަދުވިނަމަ މަދުވީ ރައީސް ޑރ. މުއިއްޒުގެ ސަބަބުން ކަމަށް ގަބޫލު ނުކުރެއްވޭކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިކޮނޮމިކް ޔޫތު ކައުންސިލް ބެލެހެއްޓެވީ ރައީސް ޔާމީން ކަމަށާއި، ބްރިޖުގެ މަސައްކަތް ކުރަމުން ދިޔައިރު ރައީސް ޔާމީނަށްވެސް ލޭނެެއް މަދު ނަމަ އެކަން ފާހަގަކުރެއްވެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ބުރިޖުގެ ލޭނެއް މަދުކަމަށް ބައެއް މީހުން ބުނަމުންދާތީ، އެކަމާ ގުޅިގެން އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

އެމަނިކުފާނި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ސިނަމާލެ ބުރިޖްގައި އެއްލޭނު މަދުކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް ކަމަށެވެ.

މި ޕޯސްޓްގައި މިނިސްޓަރު ވަނީ ސިނަމާލެ ބްރިޖް މަޝްރޫއު އިފްތިތާހުކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯވެސް ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ސިނަމާލެ ބުރިޖުގައި ލޭނެއް މަދު ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތެއް ކަމަށެވެ.

ޑރ. މުއްތަލިބު ވިދާޅުވީ މަޝްރޫއު މުޅިން ފުރިހަމަކޮށް، ބޭނުންކުރަން ފަށާފައިވަނީ މަޝްރޫއުގެ ފައިނަލް ކުރެހުންތަކަށް އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށެވެ.

މި ވީޑިއޯގައި ބުރިޖުގެ ފައިނަލް ޑިޒައިނާއި ބުރިޖު ނިމުމުން އޮންނާނެ ގޮތުގެ އެނިމޭޝަނެއް ހިމެނެއެވެ. ވީޑިއޯއިން ފެންނަގޮތުގައި ބުރިޖުގައި ހިމެނެނީ ކޮންމެ ފަރާތެއްގައި ދެ ލޭނާ އެކު ޖުމްލަ ހަތަރު ލޭނާއިި ބްރިޖްގެ ދެ ފަޅިން ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ވޯކްވޭ އެކެވެ.

މުއްތަލިބު ކުރެއްވި ޕޯސްޓާއެކު ކުރެހުމުގައި ވަނީ ކިތައް ލޭނުތޯ އާއި އަދި ކުރެހުމާ ހިލާފަށް ކުރައްވާފައިވަނީ ކޮން ކަމެއްތޯ އަމިއްލަފުޅަށް ބައްލަވާލެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމުނު ދުވަސްވަރުވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުރިޖުގައި އެއް ލޭނު މަދު ކަމަށް ބުނެ އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.



tel:+9607331319