logo

މުޅި އިސްރާއީލުގައި އާންމުން މަގުތަކަށް ނުކުމެ ހަޅުތާލު ފަށައިފި

profile

ސައިފް އަޒުހަރު - 01 ސެޕްޓެމްބަރު 2024 - 23:12

ހަނގުރާމަ ހުއްޓާލުމަށާއި، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ރަހީނުން މިނިވަންކުރުމަށް ހަމާސްއާއެކު އެއްބަސްވުމަކަށް ދިއުމަށް ސަރުކާރަށް މަޖުބޫރު ކުރުމުގެ ގޮތުން މުޅި އިސްރާއީލުގައި އާންމު ހަޅުތާލު ފަށައިފިއެވެ.

އިސްރާއީލުގެ އެކިއެކި ރަށްތަކުންނާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، މަދަނީ ޖަމާއަތްތަކުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ހަލުތާލު ފެށީ، ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން މަރުވެފައިވާ ހަމީހެއްގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ.

މި ހަޅުތާޅުގައި، އިސްރާއީލު މަސައްކަތްތެރިންގެ އެންމެބޮޑު ޔޫނިއަނާއި، ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އެކިއެކި ސިނާއަޔްތަކުގެ މުވައްޒަފުނާއި، ތެވްއަވީވް މުނިސިޕަލް އޮފީސްތަކުގެ މުވައްޒަފުންވެސް ބައިވެރިވެއެވެ.

އިސްރާއީލު ރަހީނުންގެ ތެރެއިން މަރުވެފައިވާ ހަމީހެއްގެ ހަށިގަނޑު އިސްރާއީލު ސިފައިންނަށް ފެނިފައިވަނީ ޣައްޒާގެ ދެކުނުގެ ރަފަހް ސިޓީގެ ބިންގަރާހެއްގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިކަމުގެ ރުޅި އިސްރާއީލުގެ ވެރިން ހަމާސްއަށް ބާލަން ފެށުމުން، ހަމާސްއިން ބުނެފައިވަނީ އެ ހަރަހީނުންވެސް މަރުވީ، އިސްރާއީލު ސިފައިން އެމީހުން ތިބި ތަނަށް ބޮންއެޅުމުގެ ސަބަބުން ކަމަށެވެ.

އިސްރާއީލުގެ އާންމުންގެ ރުޅި ނަތަންޔާހޫއަށާއި، އިސްރާއީލުގެ ވެރިންނާއި، ސިފައިންނަށް ބޮޑަށް އަމާޒުވީ ހަމާސްގެ ވާހަކަތަކާ ގުޅިގެންނެވެ.

ރަހީނުންގެ އާއިލާތަކާއި، އަދި އިސްރާއީލުގެ އާންމުން ބުނަމުން ގެންދަނީ، ދިރިތިބި މީހުން ދިރިތިއްބާ ސަލާމަތް ކުރެވެންއޮތީ އެއްބަސްވުމަކަށް ގޮސްގެން ކަމަށެވެ.

އިސްރާއީލުގެ އެންމެބޮޑު އިދިކޮޅު ލީޑަރު ޔައިރް ލިޕިޑް އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ، ރަހީނުން މިނިވަން ނުކުރަން ނަތަންޔާހޫއާއި އޭނާގެ މަރު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އިސްރާއީލުގެ ހުރިހާ ރައްޔިތުން މަގުތަކށް ނުކުމެ ހަޅުތާލުކޮށް އިގްސިދު ބަންދުކުރުމަށް އޭނާ ގޮވާލުމާ ގުޅިގެން އާންމު ހަޅުތާލުގެ ފޯރި އިތުރަށް ގަދަވެގެން ގޮސްފައި ވެއެވެ.

އިސްރާއީލުގެ ތެލްއަވީވާއި، އަދި ހިފާފައިވާ އިރުމަތީ ގުދުސްއާއި އެހެން ރަށްތަކުގެ މަގުތަކަށް އެތައްހާސް އާންމުން ނުކުމެ މަގުތައް ބަންދުކޮށް ވަރުގަދަ މުޒާހަރާތަކެއް ފަށާފައި ވެއެވެ. އަދި ނަތަންޔާހޫގެ ގެ ކައިރިއަށްވެސް އެތައްހާސް ބަޔަކު އެއްވެފައި ވެއެވެ.

ރަހީނުގެ އާއިލާތަކުން ގޮވަމުން ގެންދަނީ، ރަހީނުންގެ ބަޔަކު މަރުވުމަކީ ނަތަންޔާހޫގެ ނާކާމިޔާބީ ކަމަށެވެ.

މަސައްކަތްތެރިން މުޒާހަރާއަށް ނުކުންނަކަން އެނގުމާއެކު ހަރުކަށި ފިނޭންސް މިނިސްޓަރ ބެޒަލެލް ސްމޮރިޗް ވަނީ، ލޭބަރ ޔޫނިއަންތަކުގެ ގޮވާލުމަށް އިޖާބަ ނުދިނުމަށާއި، ހަޅުތާލަށް ނުކުމެއްޖެނަމަ މުސާރަ ނުދޭނޭ ކަމުގެ އިންޒާރު ދީފައެވެ.

އޭނާ ބުނެފައިވަނީ، ސަރުކާރަށް ޕްރެޝަރ ކުރުމުގެގޮތުން މި ދަނޑިވަޅުގައި މުޒާހަރާ ކުރުން ވެގެންދާނީ ހަމާސްގެ މަސްލަހަތުގައި ކުރެވޭ ކަމަކަށް ކަމަށެވެ.

އަނެއްކޮޅުން، މި ދަނޑިވަޅާ ދިމާކޮށް އދއާއި، ދުނިޔޭގެ އެތައް ގައުމަކުން ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް ގޮވާލަން ފަށާފައި ވެއެވެ.

މިއީ، ބާކީތިބި ރަހީނުން މިނިވަން ކުރުމަށް އޮތް ހަމައެކަނި ފުރުސަތު ކަމަށްވެސް ގޮވާލަމުން އެބަ ގެންދެއެވެ.

އެކަމަކު، އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި ހުރި ޖައްބާރު ނަތަންޔާހޫ އަދިވެސް ގަބޫލުކުރަނީ މައްސަލަ ހައްލުކުރެވޭނީ ހަނގުރާމަކޮށް ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

tel:+9607331319