ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރެއަށް ތާވަލުކޮށްފި އެވެ.
ޝަމީމް ވަކިކުރަން ނިންމައި އެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވަނީ މިރޭ 9 އަކަށެވެ.
ޕީޖީ ޝަމީމް މަގާމުން ވަކިކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޖުޑިޝަރީ ކޮމިޓީން ފާހަގަކޮށްފައިވަނީ، ރޭޕްގެ ތުހުމަތު ކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ޔޫތު މިނިސްޓްރީގެ އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރަން ނިންމުމާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުމެވެ.
މީގެ އިތުރުން ބަނގުރާ ބުއިމުގެ މައްސަލަތައް އަނބުރާ ގެންދިއުމާއި އަލަމްގިރީގެ މައްސަލައިގައި ގުޅުން ހުރި ބައެއް މީހުންނަށް ދައުވާ ނުކުރުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އިތުރު ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ތަހުގީގުކުރަން ދެކޮޅު ހެދުމާއި އެ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް ހިމެނެ އެވެ.
ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމުގެ މަސައްކަތް 20 ވަނަ މަޖިލީހަށް ކުރަމުންދާއިރު މިދިޔަ 19 ވަނަ މަޖިލީހަށް ވެސް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ޕީޖީން ނިންމި އެވެ. އެކަމަކު އޭގެ ފަހުން އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.