logo

ބުރާސްފަތި ދުވަހުގެ ކޮމިޓީއަށް ޕީޖީ ޝަމީމް ހާޒިރުކުރަނީ

profile

އާމިނަތު ޝަފާ - 20 އޯގަސްޓު 2024 - 18:00

ޕީޖީ ޙުސައިން ޝަމީމް

ޕީޖީ ޙުސައިން ޝަމީމް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ބުރާސްފަތިދުވަހު އޭނާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ޝަމީމް ޖަވާބުދާރީވުމަށް ދިން 5 ދުވަހުގެ މުއްދަތު ބުދަ ދުވަހަށް ހަމަތީ ޖެހިގެން އަންނަ ދުވަހު ޖަވާބުދާރީވުމުގެ ފުރުސަތު ދޭނެކަމަށެވެ.

ޝަމީމް މަގާމުން ވަކިކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ ގާނޫނު އަސާސީއާ ހިލާފަށް ޝަމީމް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެއެވެ.

ޕީޖީ ވަކިކުރުމަށް ކޮމިޓީން ނިންމި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ތުހުމަތު ކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ޔޫތު މިނިސްޓްރީގެ އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރަން ނިންމުމާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން ބަނގުރާ ބުއިމުގެ މައްސަލަތައް އަނބުރާ ގެންދިއުމާއި އަލަމްގިރީގެ މައްސަލައިގައި ގުޅުން ހުރި ބައެއް މީހުންނަށް ދައުވާ ނުކުރުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުންވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން 20 ވަނަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޕީޖީގެ މަގާމުން ޝަމީމް ވަކިކުރެވޭނީ، އެ މަސައްކަތް ފެށުމަށް ކޮމިޓީން ނިންމުމުންނެވެ. އެއަށް ފަހު އެ މައްސަލަ ތަޅުމުގައި އިއުލާނުކުރާއިރު، ވަކިކުރުމާ މެދު ގޮތެއް ނިންމައި ތަޅުމަށް ހުށަހަޅާނީ އޭގެ ފަހުންނެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ލާދީނީ ރިޕޯޓު ނެރުމުގައިވެސް ޝަމީމްގެ ހިއްސާއެއް ވާކަމަށްބުނެ އެކަމާ ގުޅިގެންވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސަރުކާރު މެމްބަރުން ދެކިވަޑައިގަންނަވާ ގޮތުގައި ދީނަށް ފުރައްސާކޮށްފައިވާ މީހަކު އެފަދަ މަގާމެއްގައި ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އެމްޑީއެން އުވާލީ 2023 ވަނަ އަހަރުގެ މާޗްމަގެ 28 ވަނަ ދުވަހުއެވެ.

އެމްޑީއޭ އުވާލިނަމަވެސް އެ ޖަމިއްޔާގެ އިސް ސަފުގައި ހަރަކާތްތެރިވި ޝަމީމް އާއި އެމްޑީއެންގެ ފައުންޑަރ މެމްބަރެއްގެ ގޮތުގައި އުޅުނު ޝަހިންދާމެންފަދަ މީހަކަށް މިހާތަނަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

https://wamco.com.mv/
tel:+9607331319