logo

މިނިސްޓަރ ދެއްވީ ސިއްރު އެއްބަސްވުމެއް ނެތް ކަމުގެ ޔަގީންކަން!

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 11:45

ޑިފެންސް މިނިސްޓަރ ޣައްސާން މަޢުމޫން

ޑިފެންސް މިނިސްޓަރ ޣައްސާން މަޢުމޫން

އިންޑިއާ އަދި އެހެން ގައުމަކާ އެކުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އޭގައި ސިއްރެއް އެކުލެވިފައި ނުވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެމަނިކުފާ މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން، މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މިނިސްޓަރ ވިދާޅުވީ އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އިންޑިއާ ދަތުރުގެ ތެރެއިން ދިވެހިންނަށް ފައިދާވާނެ އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެއިން އެއްވެސް އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫނާރާނެ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރަށްވެސް ބުރޫއަރާފާނެ ކަމެއް މި ދަތުރުފުޅުގައިވެސް އަދި އެހެން ދަތުރުފުޅެއްގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައި ނެތްކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ފާހަގަކުރަައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރާނީ ދިވެހިން ބޭނުންވާ ގޮތަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި މި ދަތުރުގައި ވެސް އެއްބަސްވީ ދިވެހިން އެދޭ ގޮތަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް ނޯޓް ވަރބޭލް ބަދަލުކުރުމާއި ދާދިވަރުކޮށް އިފްތިތާޙު ކުރުން އޮތެވެ.

ރަސްމިއްޔާތުގެ އުސްއަލިތައް:

1. "އަ ވިޜަން ފޯ ކޮމްޕްރިހެންސިވް އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" އިޢުލާންކުރެއްވުން.
2. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޯސްޓްގާޑުގެ މަނަވަރު "ހުރަވީ ޝިޕް" ރީފިޓްކުރުމުގެ މަސައްކަތް އިޢުލާންކުރެއްވުން.

ދާދިވަރުކޮށް އިފްތިތާޙުކޮށްފައިވަނީ؛

1. ވީޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް "ރޫޕޭ ކާޑް" އިފްތިތާޙުކުރުން.
2. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރުގެ އާ ރަންވޭ އިފްތިތާޙުކުރުން.
3. އިންޑިއާގެ އެގްޒިމް ބޭންކުގެ ބަޔަރސް ކްރެޑިޓް ފެސިލިޓީގެ ދަށުން ޢިމާރާތްކުރި 700 ސޯޝަލް ހައުސިންގ ޔުނިޓު ހަވާލުކުރުން.

އެއްބަސްވުމާއި ފަހުމުނާމާތަކުގައި ސޮއިކޮށް ނޯޓް ވަރބޭލް ބަދަލުކުރުން؛

1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ރިޒަރވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެވޭ ކަރަންސީ ސްވޮޕް އެގްރީމަންޓް- ދިވެހިރާއްޖޭގެ ފަރާތުން މި އެގްރިމެންޓްގެ ލިޔުންތަކާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސްގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެފެއާޒްގެ ސެކްރެޓަރީ ޝްރީ އަޖޭ ސޭތު އެވެ.

2. ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ރާޝްތުރިޔާ ރަކްޝާ ޔުނިވަރސިޓީ އާ ދެމެދު ވެވޭ އެއްބާރުލުންދިނުމުގެ ފަހުމުނާމާ-
އިންޑިއާގެ ފަރާތުން މި ފަހުމުނާމާގެ ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބޯޑަރ މެނޭޖްމަންޓް ސެކްރެޓަރީ ޑރ. ރާންޖިތު ކުމާރެވެ. ދިވެހިރާއްޖޭގެ ފަރާތުން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.

3. ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ-
އިންޑިއާގެ ފަރާތުން މި ފަހުމުނާމާގެ ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބޯޑަރ މެނޭޖްމަންޓް ސެކްރެޓަރީ ޑރ ރާންޖިތު ކުމާރެވެ. ދިވެހިރާއްޖޭގެ ފަރާތުން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.

4. ދިވެހިރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީނުކުރުމާއި ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީއާ ދެމެދު ވެފައިވާ ފަހުމުނާމާ އާކުރުން-
އިންޑިއާގެ ފަރާތުން މި ފަހުމުނާމާގެ ލިޔުންތައް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ދިވެހިރާއްޖޭގެ ފަރާތުން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.

5. ކުޅިވަރާއި ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުމާމެދު ދިވެހި ސަރުކާރާއި، އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްއާ ދެމެދު ވެފައިވާ ފަހުމުނާމާ އާކުރުން-
އިންޑިއާގެ ފަރާތުން މިފަހުމުނާމާގެ ލިޔުންތައް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ދިވެހިރާއްޖޭގެ ފަރާތުން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ.

ދެ ޤައުމުގެ އޮފިޝަލުން މި ލިޔެކިޔުންތައް ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތު ވިލަރެސްކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

https://wamco.com.mv/
tel:+9607331319