logo

60 މަހުން 5 ލައްކަ ގަސް އިންދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ފަހުމީ

profile

ޝާމާ ޝުޢައިބު - 02 އޮކްޓޯބަރު 2024 - 15:11

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން

60 މަހުގެތެރޭގައި 5 ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން ސްޓެލްކޯ އިން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސްލައްކަ ގަސް އިންދުމަށް ނިންމާފައެވެ.

އެކަމުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކޮށް ސްޓެލްކޯއިން ބުނީ، ސަރުކާރުގެ 'ފަސް އަހަރުން ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 36،825 ގަސް އިންދާފައިވާ ކަމަށެވެ.

އެކަން ފާހަގަކުރައްވައި އެމްޑީ ފަހުމީ ވަނީ އެ ހަރަކާތް ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މި ޕްރޮގްރާމް ފަށްޓަވައި، ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ފަހުމީ ވަނީ ރައީސަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

ފަހުމީ ވިދާޅުވީ ގަސް އިންދުމަކީ އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ އަދި ތިމާވެށްޓަށް ދާއިމީ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ޖޫން މަހު ޕްރޮގްރާމް ފެށުނީއްސުރެ، މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުމުގެ އަމާޒަށް އެ ކުންފުނިން އަބަދުވެސް ވާސިލްވަމުން ދާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ. މި ސްޕީޑުގައި ކުރިއަށް ގޮސް، 60 މަސް ދުވަހުގެ ތެރޭގައި، ފަސްލައްކަ ގަސް އިންދުމުގެ އަމާޒަށް ވާޞިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި 5 އަހަރުން 5 މިލިއަންގަސް އިންދުމަށް ހާއްސަ މަޝްރޫއެއް ފެށްޓެވީ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކުންނާއި ކުންފުނިތަކާއި ޖަމިއްޔާޖަމިއްޔާތަކުންވެސް ދަނީ ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ސްޓެލްކޯގެ އަމާޒަކީ މިއަހަރު ތެރޭގައި 25،000 ގަސް އިންދުން ކަމަށާއި ގަސްތައް އިންދާނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށްވެސް ވާސިލުވެވޭއިރު ގަސްތައް އިންދުމަށްފަހު ގަސްތައް ބެލެހެއްޓުމަށް ކޮންމެ ރަށެއްގައި 'ގްރީން އޭޖެންޓެއް' ގެ ގޮތުގައި ސްޓެލްކޯއިން މީހަކު ދަނީ ބަހައްޓަމުންނެވެ.

https://wamco.com.mv/
tel:+9607331319