logo

ޕާޓީ އާއި ގައުމުގެ ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރަން ޗައިނާ ކޮންގްރެސް ޕާޓީގެ ޝައުގުވެރިކަން

profile

ޝުރުފާ މުހަންމަދު - 20 ސެޕްޓެމްބަރު 2024 - 17:20

ޕީއެންސީގެ އިސް ވަފުދު ޗައިނާގެ ސީޕީސީ އާ ބައްދަލުކުރެއްވުން---- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އިސް ވަފުދު ޗައިނާގެ ސީޕީސީ އާ ބައްދަލުކުރެއްވުން---- ފޮޓޯ: ޕީއެންސީ

ސިޔާސީ ޕާޓީ ހިންގުމުގެ ތަޖުރިބާ ހޯދުމަށް، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ވަފުދެއް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ބައެއް އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

ސީޕީސީގެ ދައުވަތަކަށް ކޮންގްރެސް ޕާޓީގެ އިސް ވަފުދެއް މިހާރު ގެންދަނީ ޗައިނާ އަށް ޒިޔާރަތް ކުރަމުންނެވެ.

މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޓީމު ލީޑް ކުރައްވަނީ ޓްރާންސްޕޯޓް މިނިސްޓަރ މުހަންމަދު އަމީންއެވެ. ކޮންގްރެސް ޕާޓީގެ ވަފުދުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ޕާޓީގެ އެކި ރޭންކުތަކުގެ އޮފިޝަލުން ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓަރ އަމީންވަނީ ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ މިނިސްޓަރ ލިއު ޖިއަން އާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި، ލިއު ޖިއާންޗާއޯ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅަށް 10 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، އެއީ ދެ ގައުމުގެ ގުޅުން ބަދަހިކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.

އަދި، ސިޔާސީ މަޝްވަރާތައް އިތުރަށް ހަރުދަނާކޮށް އެކި މަޝްރޫއުތަކުގައި އަމަލީގޮތުން ދޭ އެއްބާރުލުން އިތުރުކޮށް، ސަރަހައްދީ ތަރައްގީ އަށް އެކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައިވެ އެވެ.

މީގެ އިތުރަށް ގައުމާއި ސިޔާސީ ޕާޓީތައް ހިންގުމުގައި ތަޖުރިބާތައް ހިއްސާކޮށް، ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ގާތުން މަސައްކަ ތްކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ މުހަންމަދު އަމީން ވަނީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މުހިންމު ކަމާއި، ޚާއްސަކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

އަދި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދަތުރުފަތުރާއި، ތަރައްޤީއާއި، ފައިނޭންސް ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަމީންގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ވަފުދުގެ އިސްވެރިން ބައިވެރިވެވަޑައި ގެންނެވިއެވެ. އަދި ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ ނައިބު ވަޒީރު ސުން ހައިޔަންވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.


tel:+9607331319