logo

ގަތުލުއާންމު ހިންގުމަށްފަހު ފަލަސްތީނު އާންމުންގެ ބޮލުގައި އިލްޒާމު އަޅުވާތީ ރުޅިބާލައިފި

profile

ސައިފް އަޒުހަރު - 12 ސެޕްޓެމްބަރު 2024 - 20:33

އދއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކޯ އަލްބަނީޒް:

އދއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކޯ އަލްބަނީޒް:

ޣައްޒާގައި ގަތުލުއާންމުތައް ހިންގުމަށްފަހު އެކަމުގެ އިލްޒާމު، އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ ބޮލުގައި އަޅުވާތީ، އދއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް ރަޕޯޓްއަރ އިސްރާއީލަށް ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރައްވައިފިއެވެ.

ފްރަންޗެސްކޯ އަލްބަނީޒް ވިދާޅުވީ، ޣައްޒާގައި އދއިން ހިންގާ ސްކޫލެއްގައި އެތައްސަތޭކަ އާންމުން ރައްކާތެރިކަން ހޯދައިގެން ތިއްބައި، ސްކޫލަށް ބޮންއަޅައި އެތައް ބަޔަކު މަރާލުމަށްފަހު އެކަމުގެ އިލްޒާމު އާންމުންގެ ބޮލުގައި އެޅުވުން ގަބޫލެއް ނުކުރެވޭނޭ ކަމަށެވެ.

އަދި ސްކޫލަށް ބޮންއެޅީ، ހަމާސްގެ ކޮމާންޑް ސެންޓަރެއްގެގޮތުގައި ބޭނުންކުރާތީއޭ އަދި އެ ސްކޫލްގައި ތިބި މީހުންނަކީ ހަމާސްއިން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރާ މީހުންކަމަށް އިސްރާއީލުން ބުނަނީ އެއްވެސް ސާބިތު ހެއްކެއްނެތި ކަމަށެވެ.

"ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަމާސްގެ މުޖާހިދުން ފިލާ ތިބޭ ކަމަށް އިސްރާއީލުން ބުނުމަކީ، އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުގެ ލޮޖިކެއް ކަމަށްވެސް ފްރަންޗެސްކޯ އަލްބަނީޒް ވިދާޅުވިއެވެ.

އެއްވެސް ހެއްކެއްނެތި އިސްރާއީލުން ދައްކާ ވާހަކަތަކަށް ހެއްލި، ހަމާސްއިން އިންސާނީ އައްޑަނައިގެ ގޮތުގައި އާންމުން ބޭނުންކުރާ ކަމަށް ޖަރުމަނުގެ ޚާރިޖިއްޔާއިން ބުނި ބުނުމަށްވެސް ރައްދު ދެއްވަމުން އދގެ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކޯ އަލްބަނީޒް ވިދާޅުވީ، ޖަރުމަނުން ދައްކާ ވާހަކަތައް ގަބޫލުކުރަންވެސް ދަތި ކަމަށެވެ. އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ކެމްޕޭން ހިމާޔަތް ކުރުމުގައި ޖަރުމަނު އޮންނާނީ ކިހާ ދުވަހެއްވަންދެން ކަމާމެދު އޭނާ ސުވާލު ކުރެއްވިއެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އަލްޖައޫނި ސްކޫލަށް އިސްރާއީލުން އިއްޔެ ބޮންއެޅުމުގެ ސަބަބުން 18 މީހުން ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވިއެވެ. މިއީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން އަލްޖައޫނި ސްކޫލަށް ބޮންއެޅި 5 ވަނަ ފަހަރެވެ.

އިއްޔެގެ ހަމަލާގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރެއިން 5 މީހުންނަކީ، އދގެ ރެފިއުޖީ އޭޖެންސީގެ ސްޓާފުންނެވެ.

ފަލަސްތީނު ރެފިއުޖީންނަށް ޚާއްސަ އދގެ އޭޖެންސީން ޣައްޒާގައި ހިންގާ 6 ސްކޫލަކަށް ޒަޔަނިސްޓު އިސްރާއީލުން މިހާތަނަށް އެތައް ފަހަރެއްގެމަތިން ބޮންއަޅައި އެތައްސަތޭކަ ބަޔަކު ޝަހީދުކޮށް، އެތައްހާސް މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

އދގެ ރެފިއުޖީ އޭޖެންސީން ހިންގާ ސްކޫލްތަކަށާއި، އދއަށް ނިސްވަތްވާ ޖުމްލަ 190 އިމާރާތަކަށް 435 އުދުވާނީ ހަމަލާ މިހާތަނަށް ދީފައިވާއިރު، އެ ހަމަލާތަކުގައި އާންމުންނާއެކު އދގެ 220 ސްޓާފުންވެސް ޝަހީދުވެފައި ވެއެވެ.

އިސްރާއީލުގެ ހަމަލާތައް، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، އާންމުން ހިމާޔަތް ހޯދައިގެންތިބި ސޭފް ޒޯންގެ ތަންތަނަށް އަމާޒުކޮށް އެތައްބަޔަކު ޝަހީދުކުރަމުންދާތީ ދުނިޔެއިން އެކަން ކުށްވެރިކުރަމުންދާ އިރުވެސް އިސްރާއީލުގެ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނުގެނެއެވެ.

އެމެރިކާގެ އެހީތެރިކަމުގައި ހަމަލާތައް ހުއްޓާލުގެ ވާހަކަތަކުން ނަތީޖާއެއް ނުކުމެދާނެ ހުރިހާ މަގެއް ބަންދުކޮށް، ޣައްޒާގެ އެންމެން މަރައި ހުސްކުރުމުގެ ކެމްޕެއިން ހައްތަހާދަނީ ވަރުގަދަ ކުރަމުންނެވެ.

tel:+9607331319