logo

ރައީސް ޔާމީނަކީ އަނިޔާވެރިއެއް، މާއާފެއްނުކުރާނަން: މުހްތާޒް މުހްސިން

profile

ޒިދާން މުޙައްމަދު - 11 ޖުލައި 2024 - 17:26

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ އަނިޔާވެރިއެއް ކަމަށާއި ކުރެއްވި އަނިޔާތަކަށް މައާފުނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ "ވަތުބަތާން" ޕްރޮގުރާމްގައި ބުދަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮރަޕްޝަނާއި، ފަސާދަ އާއި ނޭއްގާނީކަމާއި، އަނިޔާ އާއި ބޭއިންސާފުގެ މައްސަލަތަކުގެ އެންމެ ފުންމިނަށް ފީނައި ބެލުންތެރިންނާ ހަމައަށް އަސްލު ޓީވީން ގެނެސްދޭ "ވަތުބަތާން" ގެ ދެވަނަ ޕްރޮގުރާމްގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ބެލުންތެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި، މުހުތާޒު ވިދާޅުވީ، ރައީސް ޔާމީނަކީ އެއްވެސް ޝައްކެތްވެސް ނެތް ގޮތުގައި އަނިޔާވެރިއެއް ކަމަށާއި އެ އަނިޔާ ތަހައްމުކުރައްވަން ޖެހިވަޑައިގެން އެކަކީ އެމަނިކުފާނު ކަމަށެވެ.

"ރައީސް ޔާމީނަކީ އަނިޔާވެރިއެއް، ޝައްކެތްވެސް ނެތް"

ރައީސް ޔާމީންގެ ވެރިކަމުގައި ބަންދުގައި ތިބި ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫކޮށްލުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހު ކޯޓު އަމުރެއް ނެރުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އެ އަމުރު ތަންފީޛު ކުރުން އޭރުގެ ސަރުކާރުން ފަސްކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގަދަކަމުން ހައްޔަރުކޮށްގެން ގެންގޮސް، ދޫނިދޫ ޖަލުގައި ބަންދުކުރިއެވެ.

ހަމަ އެރޭ ރައީސް ޔާމީންގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ހައްޔަރުކުރިއެވެ.

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކޮށް މުހުތާޒާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލައި، އެ ދެބޭފުޅުންވެސް ހައްޔަރުކުރިއެވެ.

2016 ވަނަ އަހަރު އެ ދެބޭފުޅުންވެސް ހައްޔަރުކުރި ނަމަވެސް 22 ނޮވެމްބަރ 2018 ގައި ހައިކޯޓުން ވަނީ މުހުތާޒު މިނިވަންކޮށްފައެވެ.

އިސްތިއުނާފުގެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން މުހުތާޒުގެ މައްޗަށް ކޮށްފައިވާ 17 އަހަރުގެ ހުކުމް ބާތިލްކޮށް މުހުތާޒު މިނިވަން ކުރަން އަންގައިފައެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ، މުހުތާޒު ގެންދެވީ17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހު 9 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ދެން ހައްޔަރު ކުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވެސް ވަނީ ހައިކޯޓުން މިނިވަންކޮށްފައެވެ.

ވަތުބަތާން ޕްރޮގުރާމްގައި މުހުތާޒު ވަނީ ޖަލުގައި ތަހައްމުލުކުރެއްވި އުނދަގޫ ހާލަތު ތަފުސީލުކޮށްދެއްވާފައެވެ.

އެންމެ ނުރައްކާތެރި ކުށްވެރިން ބައިތިއްބާ "ޑެތު ރޯގައި" އެމަނިކުފާނުވެސް އޮންނެވީ އެއްވެސް އަލިކަމެއްނެތި ކަމަށާއި ރަމަޟާންމަހު ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާން ކަރަންޓު ފޯރުކޮށްދޭން އެދިވަޑައިގަތުމުންވެސް އެކަން ނުކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާ ގޮތަށް ގޮޅިން ބޭރަށްވެސް ނުނެރޭ ކަމަށާއި އަދި ކަސްރަތުކުރުމާއި ފިޒިއޮތެރަޕީ ފަދަ ކަންކަމުން މަހުރޫމުކުރިކަންވެސް މުހުތާޒު ވަނީ ފާހަގަކުރައްވާފައެވެ.

ގޮޅީގެ ހާލަތު އިތުރަށް ސިފަކޮށްދެއްވަމުން ވިދާޅުވީ އެތަނުގައި ހިކަނދިމީދާވެސް އުޅޭ ކަމަށާއި އެންމެ ޒަރޫރީ ބައެއް ކަންކަމުންވެސް އެތަނުގައި މަހަރޫމުވެވަޑައިގެން ކަމަށެވެ. ޖަލުގައި ލިބިވަޑައިގެން ޖިސްމާނީ އަދި ނަފުސާނީ އަނިޔާތަކަށް މާފަުނުކުރައްވާނެ ކަމަށާއި އެއީ ޒާތީ ކަމެއް އޮތަތީ ނޫން ކަމަށް މުހުތާޒު ވިދާޅުވިއެވެ.


https://int.etukuri.mv/
tel:+9607331319