logo

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްދަށަށް ބަދަލުކުރުމުގެ މަޝްވަރާ ފަށައިފި

profile

އާމިނަތު ޝަފާ - 26 ޖުލައި 2024 - 22:35

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަންކުރެވުނު މަޝްވަރާތަކުގެ ތެރެއިން

ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަންކުރެވުނު މަޝްވަރާތަކުގެ ތެރެއިން

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަޝްވަރާތައް ސިޓީ ކައުންސިލާއި އެޗްޑީސީން ފަށައިފިއެވެ.

މިކަމުގެ މަޝްވަރާ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، މާލޭގެ މޭޔަރު އާދަމް އާޒިމްއާއި ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް އާއި، އެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންކަމުން މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެކަން ކުރަން ނިންމިނަމަވެސް ސީދާ ސިޓީ ކައުންސިލްގެ ދަށަށް މި މަސައްކަތް ބަދަލުވާނެ ތާރީހެއް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސްވަނީ ހުޅުމާލެ އަކީ މާލޭގެ ރައްޔިތުން ހޮވާފައި ހުންނަ ކައުންސިލުން ބަލަހައްޓާ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައިވެސް ވިދާޅުވެފައެވެ.

މި ބަދަލު ގެނައުމަށް ނިންމާ ޑިސެމްބަރު 31 ވަނަ ދުވަހު ސަރުކާރުން ނެރުނު ބަޔާނުގައިވަނީ މި ގެންނަން ފެށި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެ ސިޓީގައި ހިމެނޭ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދޭނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އަދި މިގޮތަށް ނިންމެވީ މާލޭ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް ސަރުކާރުން އޭރު ބުންޏެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށް ހިދުމަތްދިނުމަށް އެޗްޑީސީގެ 600 މުވައްޒަފުން ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

tel:+9607331319