
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް--- ފޮޓޯ: މަޖިލިސް
ދެ ކޮމަންޑޫ ގުޅާލުމަކީ އިންތިޚާބަކަށް ކުރި ކަމެއް ކަމަށް މެމްބަރު ނާޒިލް އެއްބަސްވެވަޑައިގެންފި!

ޝުރުފާ މުހައްމަދު - 31 ޖުލައި 2024 - 06:59
2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފެއްޓީ، އޭރު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމުގެ މަގްސަދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް މިއަދު އެއްބަސްވެވަޑައިގެންފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، އޭރު އެ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަ ވުމާއި ގުޅިގެންނެވެ. 2022 ވަނަ އަހަރު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވާއިރު، އެ ބައި އިލެކްޝަންގެ ކެމްޕޭން ދުވަސްވަރު ސަރުކާރުން ވަނީ މަތި ކޮމަންޑުއާއި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއެއް ފަށާފަ އެވެ. އޭގެ ފަހުން ބޭއްވި އިންތިޚާބު އޭރު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ރާޝިދު ވަނީ ކާމިޔާބުކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ، އިންތިޚާބުތަކަކީ ބާއްވަން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް ސަރުކާރުތަކުން ދަނީ އަދި ބޭނުންވާ ކަންތައްތައް ފުއްދައިދެނީ ވެސް އިންތިޚާބުތައް ބާއްވާތީ ކަމަށް މެމްބަރު ވިދާޅުވި އެވެ.
އިންތިޚާބުތައް ބޭއްވީމަ ސަރުކާރުން ރައްޔިތުންނާ ހަމައަށް ގޮސް އެ ކުރަން ޖެހޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، އެ އަޑު އަހާ އެ ކަންތައްތައް ކޮށްދިނުމަށް ސަރުކާރުން ނޫނީ އެހެންވެސް ފަރާތަކުން ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރޭ. އެއީ ދެ ކޮމަންޑޫ ދޭތެރެ ބައްދާލުން ކަމުގައި ވިޔަސް އެކަން އެ ކުރެވެނީ ހަމަ ރައްޔިތުންގެ ހައްގުގައި.
ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ބައި އިލެކްޝަންތައް ބާއްވަން ޖެހޭނީ އަހަރު ދެ ފަހަރު އެވެ. އެކަމަކު ވަކި ޚާއްސަ ހާލަތެއްގައި މިހާރު ވެސް ގާނޫނުގައި އޮންނަގޮތާ އެއްގޮތަށް، އެ މަގާމެއް ހުސްވަތާ 60 ދުވަސް ތެރޭގައި ބައި އިލެކްޝަނެއް ބާއްވާނެ އެވެ.
އިންތިޚާބު ބޭއްވުން މިހާ މަދުކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވި އިލެކްޝަންސް ކޮމިޝަނަކީ އިންތިޚާބުތައް ބޭއްވުމަށް އޮންނަ ކޮމިޝަނެއް ކަމަށާއި، އަހަރަކު އެންމެ ދެ ފަހަރު އިންތިޚާބެއް ބާއްވާލަން ޖެހޭ ނަމަ ކޮމިޝަނެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. ނާޒިލް ވަނީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަގަސަދުގައި ކުރާ ކަމެއް ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
10 ގަޑިއިރު ކުރިން

ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު
12 ގަޑިއިރު ކުރިން

އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު
12 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)