
އެމްޓީޑީސީގެ އައު އޮފީސް އިމާރާތް އެޕްރީލް މަހު ހުޅުވަނީ

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 08:42
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ އެޕްރީލްމަހު ހުޅުވާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ، ހުޅުމާލޭ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްޤީކޮށްފައިވާ މި އިމާރާތުގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސީލިންގް އެޅުމާއި، ތަޅުމުގައި މުށިޖެހުމާއި، ފަޔަރ ޕްރޮޓެކްޝަން ސިސްޓަމް ހަރުކުރުމުގެ އިތުރުން ބޭރުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.
ނިޔާޒް ވިދާޅުވީ އައު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، އަދި މި އިމާރާތް އެމްޓީޑީސީގެ އަހަރީ ދުވަހާއި ދިމާކޮށް، އަންނަ އެޕްރީލް މަހުގެ 9ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުންފުނީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު ބިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، މި އިމާރާތުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޮމްޕެނީއާއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގެޑޯ އާކިޓެކްޓްސްއިންނެވެ.





.gif&w=3840&q=75)