
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރުކަމުން ހަންގޭރީ ވަކިކޮށް، އުރްބާން، މުޖުރިމު ނަތަންޔާހޫއަށް މަރްހަބާ ކިޔައިފި

ސައިފް އަޒުހަރު - 03 އޭޕްރީލު 2025 - 11:21
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރުކަމުން ވަކިވެ، ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އުރްބާން މުޖުރިމު ނަތަންޔާހޫއަށް ހަންގޭރީން މަރްހަބާ ކިޔައިފިއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރުކަމުން ހަންގޭރީ ވަކިވިކަން، އުރްބާންގެ ސަރުކާރުން އިއުލާންކުރީ ނަތަންޔާހޫ ހަންގޭރީއަށް ފޭބުމާ އެކުގައެވެ.
ހަންގޭރީ ވެގެންމިދިޔައީ، ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގާކަމަށް ކަނޑައަޅައި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރުމުގެ އަމުރު މިދިޔަ އަހަރުގެ ނޮވމްބަރު މަހު ނެރުނުފަހުން ނަތަންޔާހޫ ދިޔަ ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު އައިސީސީން ނެރުމާއެކު، އެ އަމުރަށް ކިޔަމަން ނުވާނޭ ކަމަށް ބުނެ، ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އުރްބާން، ހަންގޭރީއަށް ދިއުމަށް ނަތަންޔާހޫއަށް ދައުވަތު ދިނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން އެކަން ނުކުރުމަށާއި، އަދި ނަތަންޔާހޫ ހަންގޭރީއަށް އަތުވެއްޖެނަމަ ހައްޔަރުކޮށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާ ހަވާލުކުރަން ގޮވަމުންދަނިކޮށް، އެއިން އެއްވެސް އަޑެއް ނާހައި އުރްބާން މިވަނީ ނަތަންޔާހޫއަށް ހޫނު މަރްހަބާއެއް ކިޔާފައެވެ.
މިކަމުން، ޔޫރަޕްގެ ގައުމުތަކުގެ ވެރިން ބޭނުންވީމާ އދގެ ނިޒާމުތައްވެސް ފުނޑާލާނެކަން މިވަނީ ދުނިޔެއަށް ހާމަވެގެން ގޮސްފައެވެ. އަދި ޔޫރަޕްގެ އިއްތިހާދުން މިފަދަ މައްސަލަތަކުގައި ގެންގުޅޭ ސިޔާސަތުތަކުގެ ދޯހަޅިކަމާއި، އަގެއްނެތްކަން މިވަނީ ދުނިޔެއަށް ހާމަވެގެން ގޮސްފައެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަކީ، އެ ކޯޓުގެ މެމްބަރުންގެ ގޮތުގައި ހިމެނޭ 124 ގައުމުގެ މައްޗަށް ގާނޫނީގޮތުން ލާޒިމް ކަމެކެވެ. އެއިން ގައުމެއްގެ ފަސްގަނޑުގައި ނަތަންޔާހޫ ފައިޖައްސައިފިނަމަ އޭނާ ހައްޔަރުކޮށް ކޯޓާ ހަވާލުކުރަންޖެހޭނެއެވެ.
އެކަމަކު، އެކަން ނުކޮށް، ހަންގޭރީގެ ބޮޑުވަޒީރު މިވަނީ، އައިސީސީގެ މެމްބަރުކަމުން ވެސް އެ ގައުމު ވަކިކޮށްފައެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަކީ، ދުނިޔޭގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލުނައްތާލުމުގެ ޖަރީމާތައް ބަލައި، ދުނިޔޭގައި އަދުއިންސާފާއި އަސާސީ އިންސާނީ ހައްގުތައް ގާއިމްކުރުން ކަށަވަރުކުރުމަށް އުފައްދާފައިވާ ދުނިޔޭގެ ކޯޓެވެ. އެއީ، އދގެ ކޯޓެއްވެސް ނޫނެވެ.
ފަލަސްތީނުގެ ރަށްތަކުގައި ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގާ އިސްތިއުމާރީ އިސްރާއީލާއި، އަދި އިސްރާއީލަށް އެކަމުގައި މަދަދާއި، ތާއީދު ދެމުންދާ އެމެރިކާވެސް އައިސީސީ މުއާހަދާގައި ސޮއެއް ނުކުރެއެވެ. ހަންގޭރީވެސް މިހާރު މިވަނީ މުއާހަދާއިން ވަކިވެ، ފަލަސްތީނުގެ ނަސްލުނައްތާލުމަށް ތާއީދުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، ޚާން ޔޫނިސްގައި ބޮމުގެ އަޑުފައްގަނޑު!
މަހެއް ކުރިން

އިސްރާއީލުން ހުޅަނގު އައްސޭރީގެ އިސްތިގުލާލަށް އަރައިގަތުމަށް ނިންމުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފި
މަހެއް ކުރިން
.webp&w=3840&q=75)
ހަމަލާތައް ހުއްޓާލި ކަމަށް ބުނި ފަހުން އެކަނިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފި
2 މަސް ކުރިން
.webp&w=3840&q=75)
ހަމަލާތައް ހުއްޓާލިޔަސް ބަނޑުހައިހޫނުކަމަށް ނިމުމެއް ނެތް، ޣައްޒާ ރޮނީ!
2 މަސް ކުރިން


