އަސާސީ ބާވަތްތަކުގެ ބޮޑު ލިސްޓެއް، އެސްޓީއޯ މެދުވެރިކޮށް އަގު ކޮންޓްރޯލްކުރަނީ

ޝުރުފާ މުހައްމަދު - 18 ފެބްރުއަރީ 2025 - 14:14
ކުރިއަށް މި އޮތް ރަމަޟާން މަހު، އެއްވެސް ބާވަތެއްގެ ކާބޯތަކެތީގެ އަގު އުފުލިޔަ ނުދިނުމަށާއި، އެ ތަކެތި ދައްޗަކާ ނުލާ ލިބޭނެ މަގު ފަހިކުރުމަށް އަސާސީ ކާބޯތަކެތީގެ 134 ބާވަތް ހިމެނޭ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހަށް ކާބޯތަކެތީގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށްޓަކާ އިކޮނޮމިކް މިނިިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ 134 ބާވަތް ހިމެނޭ ލިސްޓެއް ވަނީ އެކުލަވާލާފަ އެވެ. އަދި އެ ލިސްޓު އެކުލަވާލި ގޮތް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށްދެއްވާފައިވެ އެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ލިސްޓުގައި ހުރި ކާބޯތަކެތީގެ އަގުތައް އަބަދުވެސް މޮނިޓަރ ކުރަމުންދާނެ ކަމަށެވެ. އާންމު ގޮތެއްގައި ތަކެތީގެ އަގުތައް މައްޗަށް ދަނީ އޭގެ ސަޕްލައި ދަށްވުމުން ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެހެން ވިޔަ ނުދިނުމަށްޓަކާ މިނިސްޓްރީން މިހާރު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން އަމިއްލަ ވިޔަފާރިވެރިންނާއި އެސްޓީއޯ އަދި ކަމާ ބެހޭ އިދާރާތައް އެކުގައި ތަކުރާރުކޮށް ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި، އެއްވެސް ބާވަތެއް މަދުވެ، އަގުބޮޑުވާ ނަމަ އެކި ގައުމުތަކުން ވެސް އެ ތަކެތި ގެނެސް ބާޒާރަށް ނެރެވޭ ވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް މިއަދުގެ ބައްދަލުވުމުގައި ހުށަހަޅާފައިވާއިރު، މިނިސްޓްރީން ބުނި ގޮތުގައި މި ލިސްޓު އެކުލަވާލާފައި ވަނީ 4 ކަމަކަށް ބަލައިގެންނެވެ. އެއީ ޔުނިސެފުން ގެންގުޅޭ މިންގަނޑަށް، ރާއްޖޭގެ އިމްޕޯޓް އަދި ޑިމާންޑް، ކޮންސިއުމަރ ޕްރައިސް އިންޑެކްސް އަދި ގޭބީސީތަކުގައި ގިނައިން ބޭނުންކުރާ ތަކެއްޗާއި ރައްޔިތުންގެ ދުޅަހެޔޮކަމެވެ. އެގޮތުން މީގެ ތެރޭގައި މި ހިމެނެނީ އާންމު ގޮތެއްގައި ގޭބީސީތަކުގައި ބޭނުންކުރާ 98 ބާވަތާއި މޭވާ އާއި ތަރުކާރީގެ 38 ބާވަތެވެ. މީގެ ތެރެއިން 32 ބާވަތެއް ވަނީ ކްރިޓިކަލް އައިޓަމްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ރަމަޟާން މަހަށް އޮތް ވަގުތީ ހަލެއް ކަމަށެވެ. އެކަމަކު ސަރުކާރުގެ އަމާޒަކީ ފުޑް ސޭފްޓީ އާއި ސަސްޓެއިނަބަލިޓީ ގާއިމްކޮށް، ރާއްޖެއިން ކާބޯތަކެތި އެކސްޕޯޓް ވެސް ކުރެވޭ މިންވަރަށް އެ އުފެއްދުންކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން މިހާރު އެކުލަވާލާފައިވާ އިގްތިސާދީ ޕްލޭންގެ ދަށުން އެ މަސައްކަތް ހިނގަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.