logo
ށ.މިލަންދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ށ.މިލަންދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

މިލަންދޫގެ ބިންހިއްކުމުގެ %90 މަސައްކަތް ނިމިއްޖެ!

profile

ރިޟްވާން މޫސާ - 02 މޭ 2026 - 08:16

ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ %90 މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

https://wamco.com.mv/

ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ށ.މިލަންދޫގެ ބިން ހުިއްކުމުގެ އަދާ ހަމަ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބް މުޙައްމަދު ނާޝިދު ވިދާޅުވީ ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް މިހާރު ވަނީ ނިންމާލާފައިވާކަމަށެވެ. އަދި މި މަސައްކަތަކީ މަސައްކަތް އަމަލީ ގޮތުން ފެށިތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާ މިހާރަށް ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ.

މިލަންދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ، ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރޮށްދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށެވެ. މިލަންދޫ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 އޮކްޓޯބަރ 2025 ގަ އެވެ. މި ޕްރޮޖެކްޓުގައި 40 ހެކްޓަރުގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިލަންދޫ އެއަރޕޯޓު ތަރައްޤީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިލަންދޫގައި 50 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ.

މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ، ޢަމަލީ މަސައްކަތް ފައްޓަވާފައެވެ.

މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވައި، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ.

މިލަންދޫގައި 700 މީހުންގެ ޖާގައިގެ، ޒަމާނީ އިސްލާމީ މަރުކަޒެއް ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލަންދޫގައި ގާއިމްކުރާ ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މިލަދުންމަޑުލު އުތުރުބުރިއަކީ ޢުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ އަތޮޅެއް ކަމުގައިވާތީ، އެ އަތޮޅުގައި ޤާއިމުކުރާ ދެވަނަ، ޕަބްލިކް ވަރކްސް ޔުނިޓު ޤާއިމުކުރައްވާނީ މިލަންދޫގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk