
މޭރީ މަރާލީ މާވިން: ކްރިމިނަލް ކޯޓް

މުޙައްމަދު ފަޟްލޫން - 22 ޖޫން 2026 - 11:32
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަން އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސްގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ސާބިތުކޮށްފިއެވެ.
2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ގައި ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ މާވިންގެ އިތުރުން އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅީ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ކޯޓުން ފާހަގަކުރި ގޮތުގައި، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާދިން ޑޮކްޓަރުން ވަނީ ހެކިބަސް ދީފައެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މޭރީ މަރުވެފައިވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ.
މީގެއިތުރުން، މީހަކު ނޭވާ ހާސްކޮށްލައިގެން މަރާލާނެ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާކަމާއި، އެ ފޮޓޯތައް އޭނާގެ ފޯނުގައި ހުންނަންޖެހޭ އެކަށީގެންވާ ސަބަބެއް ބުނެދެވިފައި ނުވާކަންވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި މާވިންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި، ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުހޯދާ ކުރުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާތައް ލަމްހާގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓްރީޓޮޕުން ލ. އަތޮޅުގައި މަލްޓި ސްޕެޝަލިޓީ ހެލްތު ކޭމްޕް ކުރިއަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވެއްޖެ
2 ގަޑިއިރު ކުރިން

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އިމާމުން އިތުރުކުރުމަށް ޢާއްމު އިމްތިޙާނެއް ތަޢާރަފްކުރަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)