logo

ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު: އިތުރު ޙާފިޡަކަށް ފުރުސަތު ދެއްވައިފި

profile

އައިޝަތު އިނާޝާ - 04 ޑިސެމްބަރު 2024 - 15:15

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް ފަށްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އިތުރު ޙާފިޡަކަށް ފުރުސަތު ދެއްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 6 ޙާފިޡުންނަށް ފުރުސަތު ދެއްވާފައިވާއިރު، 6 ވަނަ ފުރުސަތު ދެއްވާފައިވަނީ އަލްޙާފިޡާ ޔުމްނާ ޢަބްދުލް ޢަޒީޒް އަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ފުރުސަތު ދެއްވާފައިވަނީ އަލްޙާފިޡް އަލީ ރައީފްއަށާއި، އަލްޙާފިޡް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްޙާފިޡް އަޛިން މުޙައްމަދު، އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޣަނީ އަދި އަލްޙާފިޡާ ޝަބީނާ އާދަމް އަށެވެެ.

ޙާފިޡުންނަށް ޢުމްރާ ދަތުރު ދެމުން ގެންދަނީ ދީލަތި ފަރާތްތަކުންނާއި އެކި ޢުމްރާ ގުރޫޕުގެތަކުގެ ފަރާތުން ލިބިލައްވާ އެހީތެރިކަމުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށްޓެވުމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަ ކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެށްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއް ކަމަށާއި ޙިފްޡުކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި ކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއް ކަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޙާއްސަ އިމާރާތެއް އެޅުމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތަށް ހައްދަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319